ޚަބަރު

ހިދުމަތުން ވަކިވި މީހުން ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިކަން ފާޅުކުރަނީ

ރިފާ ހަލީލު

ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އެ ދާއިރާއަށް ވަންނަން ބޭނުންވެގެން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ މީގެ ކުރިން މުސާރަ ކުޑަވެ ދާއިރާ ދޫކޮށްދިޔަ މީހުން ދާއިރާއަށް އެނބުރި އައުމަށް މިނިސްޓްރީއަށް ސިޓީވެސް ފޮނުވަމުންދާ ކަމަށެވެ.

"އުސޫލެއްގެ ގޮތުން ބަލައި ނަމަ ސިޓީ ފޮނުވާކަށް ނުވެސް ޖެހޭނެ. ޕްރިންސިޕަލެއް ނޫނީ ޓީޗަރަކު ހޯދަން އިއުލާން ކުރީމަ އެ މަގާމަށް ކުރިމަތިލާންވީ. މުސާރަ ކުޑަވުމުގެ ސަބަބުން އެހެން ވަޒީފާތަކަށް ބަދަލުވި ވަރަށް ގިނަ ބޭފުޅުން މިހާރު ތައުލީމީ ދާއިރާއަށް ވަންނަން ޝައުގުވެރިވެގެން އަޅުގަނޑުމެންނަށް އެބަ އަަންގާ،" އޭނާ ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ މީގެ ކުރިން ޕްރިންސިޕަލުން ނުލިބޭ ސްކޫލްތަކަށް މިހާރު ޕްރިންސިޕަލުންވެސް ވާނެ ކަމަށެވެ. އަދި މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ރަށްރަށަށް ދާނެ ދިވެހި ޓީޗަރުންވެސް ވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މީގެ ކުރިން ސްކޫލުތަކަށް ޕްރިންސިޕަލުން ހޯދަން ތިން ހަތަރު ބުރަކަށް އިއުލާންކުރަންޖެހޭ ފަހަރުވެސް އައި ކަމަށެވެ. ނަމަވެސް މިހާރު އިއުލާން ކުރާނެ ދުވަހެއް ބަލަން ގިނަ ބަޔަކު އެ މިނިސްޓްރީއަށް ގުޅައި ސިޓި ފޮނުވަމުންދާ ކަމަށް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މި މަހުން ފެށިގެން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266 ރުފިޔާ ލިބޭއިރު، ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467 ރުފިޔާ ލިބޭނެއެވެ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895 ރުފިޔާ ލިބޭނެއެވެ.

ޕްރިންސިޕަލުންގެ ތެރެއިންވެސް ރޭންކު އެކެއްގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610 ރުފިޔާ ލިބޭއިރު ރޭންކު ދޭއްގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075 ރުފިޔާ ލިބޭނެއެވެ.