ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް)ގައި މިއަހަރު އަލަށް ވާދަކުރި ގުޖުރާތު ޓައިޓަންސްއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، އިންޑިއާގެ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ގުޖުރާތު ޓައިޓަންސްއިން ކާމިޔާބުކުރީ ހަތް ވިކެޓުން ރާޖަސްތާން ރޯޔަލްސް ބަލިކޮށްގެންނެވެ. މުބާރާތުގައި ގުޖުރާތު ޓައިޓަންސްގެ ފުރަތަމަ ތަށި އުފުލާލީ ރޭ ސްޓޭޑިއަމްއަށް ކުޅިބަލަން ވަދެ ތިބި 104،859 ސަޕޯޓަރުންގެ ފޯރިއާއެކުގައެވެ. ނަރެންދުރަ މޯދީ ކްރިކެޓް ސްޓޭޑިއަމްގެ ފުލް ކެޕޭސިޓީއަކީ 132،000 އެވެ.
އައިޕީއެލްގައި މިފަހަރު 10 ޓީމު ވާދަކުރި އިރު، ޕްލޭ އޮފްއަށް ދިޔައީ ގަދަ ހަތަރު ޓީމެވެ. އެ ހަތަރު ޓީމުގެ ތެރެއިން ފައިނަލަށް ދިޔައީ ތިން ޕްލޭ އޮފް މެޗަކުން ކަނޑައަޅާ ދެޓީމެވެ. ޕްލޭ އޮފް ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރި އިރު، އެ މެޗުން ބަލިވާ ޓީމަށް އަދި ޕްލޭ އޮފް ތިންވަނަ މެޗުން ފުރުސަތު ލިބޭނެއެވެ. ލީގުގެ ޕްލޭ އޮފް ފުރަތަމަ މެޗުގައިވެސް ގުޖުރާތު ޓައިޓަންސްއިން ވަނީ ރާޖަސްތާން ރޯޔަލްސް ބަލިކޮށްފައެވެ.
ޓޮސް ދިމާވުމުން ރާޖަސްތާން ނުކުތީ ބެޓް ކުރުމަށެވެ. އެ ޓީމުން ބެޓިންނަށް ފުރަތަމަ ނެރުނު ދެ ކުޅުންތެރިންގެ ތެރޭގައި ޖޯސް ބަޓްލާވެސް ހިމެނުނެވެ. ބަޓްލާ ފައިނަލާ ހަމައަށް ދިޔައީ ލީގުގައި އެންމެ ނަތީޖާ ރަނގަޅު ބެޓްސްމަނުގެ ގޮތުގައެވެ. ނަމަވެސް ރޭގެ ފައިނަލުގައި އޭނާއަށް ހެދުނީ 35 ބޯޅައިން 39 ލަނޑެވެ. އެއީ ރާޖަސްތާނަށް ނަތީޖާ ނެރުމަށް ދިމާވި އެންމެ އުނދަގޫ ސަބަބެވެ. ދެން އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ޔަޝަޝްވީ ޖޭސްވާލަށްވެސް ހޯދުނީ 16 ބޯޅައިން 22 ލަނޑެވެ.
ފައިނަލުގައި ގުޖުރާތުގެ ބޯލިން އާދަޔާ ހިލާފު ރަނގަޅުކޮށް ފެނުނު އިރު، ކެޕްޓަން ހާދިކު ޕަންޑަޔާ ވަނީ ތިން ވިކެޓް ނަގައިފައެވެ. އޭގެ އިތުރުން އަފްގާނިސްތާނުގެ ރާޝިދު ހާންވެސް ވަނީ މުހިންމު ވިކެޓުތަކެއް ނަގައިދީފައެވެ.
ރާޖަސްތާން ބެޓިން ނިންމާލީ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން، 130 ލަނޑާ އެކުގައެވެ.
ބަދަލުގައި ކުޅެން އަރައި ގުޖުރާތު ޓައިޓަންސްއަށް ފުރަތަމަ ކޮޅުގައި މާޔޫސްކަން ކުރިމަތިވި ނަމަވެސް ފަހުން ނަތީޖާ އަނބުރާލިއެވެ. 20 އޯވަރުގެ ތެރޭގައި އެންމެ ތިން ކުޅުންތެރިން ނުބައިވެގެން ގުޖުރާތު ޓައިޓަންސްއިން ތަށި ޔަގީންކުރީ 133 ލަނޑުންނެވެ. ގުޖުރާތުން އެންމެ ރަނގަޅަށް ބެޓްކުރީ ޝުބްމަން ގިލްއެވެ. އޭނާ 45 ލަނޑު ހެދި އިރު، ގިލް މެޗު ނިންމާލީ ނުބައިނުވެއެވެ. 18 ވަނަ އޯވަރުގެ ފުރަތަމަ ބޯޅަ ހަޔަކަށް ޖަހައި ގިލް ގުޖުރާތަށް ފުރަތަމަ ތަށި ޔަގީން ކޮށްދިނެވެ.
ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ހާއްސަ ޓްރޮފީތައް ހަވާލު ކޮށްފައިވާ އިރު، އެންމެ ގިނަ ރަން ނަގައިގެން އޮރެންޖް ތޮފި ހޯދީ އިންގްލެންޑްގެ ބަޓްލާއެވެ. އޭނާ ވަނީ މުޅި އައިޕީއެލް ސީޒަނުގައި 863 ރަން ނަގައިފައެވެ. އެންމެ ގިނައިން ވިކެޓް ނަގައިގެން ދަނބު ކުލައިގެ ތޮފި ހޯދީ ރާޖަސްތާންގެ ލެގް ސްޕިނާ ޔުޒްވެންދްރާ ޗަހަލްއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް