އިޒްރޭލު ސިފައިން ފަލަސްތީނުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން ހައްޔަރުކުރާތީ ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވޮލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ 75 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވީ، އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގައި މީހުން ދިރިއުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެހާމެ ހިތްދަތި ހާލަތުގައި ކަމަށެވެ.
ނަސީމް ވިދާޅުވީ ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ފަލަސްތީނުގެ ސިއްހީ ދާއިރާ ހަލާކުވަމުންދާ ކަމަށާއި އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި އެމްބިއުލާންސް އަދި ކަރަންޓާއި ފެން ފޯރުކޮށްދޭ ނިޒާމުތަކަށް ހަމަލާދެމުން ކަމަށެވެ. އަދި އެގައުމުގެ ސިއްހީ ދާއިރާ މުޅީންހެން ބޮއްސުންލާފައިވާ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
"ހަމަލާ ދިނުމަށްފަހު ވެސްޓް ބޭންކުގެ ސިއްހީ ހިދުމަތްތެރިން ހައްޔަރުކުރުމަކީ ރާއްޖެއިން އިންތިހާއަށް ކަންބޮނޑުވުން ފާޅުކުރައްވާ ކަމެއް،" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ގިނަގުނަ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ. އަދި ޑަބްލިޔުއެޗްއޯ އާއި ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން އިޒްރޭލަށް ބާރު އަޅައިފިނަމަ، ފަލަސްތީނުގެ ސިއްހީ ދާއިރާ ކުރިއަރައި ގެއްލިފައިވާ ހައްގުތައް ހޯދައިދެވޭނެ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ޕަލަސްތީނުގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ޑަބްލިޔުއެޗްއޯއިން ދީފައިވާ ރިކޮމެންޑޭޝަންތައް އިޒްރޭލުން ސީރިއަސްކޮށް ބަލައިގެންފިނަމަ، ޕަލަސްތީނުގެ ސިއްހީ ދާއިރާ ކުރިއަރާނެ ކަމަށެވެ.
ޕަލަސްތީނުގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ނަސީމް ވަނީ ގޮވާލައްވައިފައެވެ.
ނަސީމް އިތުރަށް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ތިބޭނީ ޕަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި ޕަލަސްތީނަށް ހަމަޖެހުމާއި ސުލްހަ ގެނެވޭނީ ޔުނައިޓެޑް ނޭޝަނުން ފާސްކޮށްފައިވާ ޓޫ ސްޓޭޓް ސޮލިއުޝަނުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު