ވޮލީ ބޯލް

އެސޯސިއޭޝަން ކަޕް: ޕޮލިހާއި ވެމްކޯ ދެވަނަ މޮޅާއެކު ކުރިއަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުތަކުން ޕޮލިސް ކުލަބާއި ކްލަބް ވެމްކޯ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ޕޮލިހާއި ވެމްކޯ މިހާތަނަށް ދެ މެޗު މުބާރާތުގައި ކުޅެފައިވާ އިރު، އެ ދެމެޗުންވެސް މޮޅުވެފައި ވަނީ ފަސޭހަ ކަމާއެކުގައެވެ. ވެމްކޯއިން ރޭ ޔޫތު ނިއު ޖެނެރޭޝަން އަތުން މޮޅުވީވެސް ތިން ސެޓުންނެވެ. ޕޮލިހުން ރޭ ދިވެހި ސިފައިންގެ ކްލަބް އަތުން މޮޅުވީވެސް ސީދާ ތިން ސެޓުންނެވެ.

ވޮލީބޯޅަ ސީޒަންގެ އަންހެން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. އެ 10 ޓީމު ދެ ގުރޫޕަކަށް ބަހާލާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއާއި ކުލަބު ވޮލީބޯލް، އަލްމާ ސްޕޯޓްސް ކުލަބު، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކުލަބު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކުލަބު އީގަލްސް، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލިންކޭޖެވެ.

ސިފައިންގެ ޓީމުން ފުރަތަމަ މެޗުގައި ހާފްލައިން ލިންކްއޭޖް ބަލިކޮށްފައި އޮތް އިރު، ރޭ ޕޮލިސް ކައިރީ އެންމެ އެކަށޭނެ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ރޭގެ މެޗުގައި ޕޮލިހުން ވަނީ ފުރަތަމަ ސެޓު، 25-15 އިން ގެންގޮސްފައެވެ. ދެވަނަ ސެޓު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ޕޮލިހުން ކުރިހޯދީ 31-29 އިންނެވެ.

ތިންވަނަ ސެޓުވެސް ޕޮލިހުން ތަފާތުކޮށް ގެންގޮސްފައިވާ އިރު، ޕޮލިހުން ތިން ވަނަ ސެޓު ގެންދިޔައީ 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ވެމްކޯއިން ކުޅުނު މެޗުގައި ސެޓުތައް ގެންދިޔައީ 25-07، 25-07 އަދި 25-08 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރެވެ.

މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބް ނުކުންނާނީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބްއާ ދެކޮޅަށެވެ.