ކްރިކެޓް

އައިޕީއެލް: ބަޓްލާގެ ތަފާތުން ރާޖަސްތާން ރޯޔަލްސް ފައިނަލަށް

ޖޯސް ބަޓްލާގެ ސެންޗަރީއާއެކު ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކޮށް، ރާޖަސްރާން ރޯޔަލްސް އައިޕީއެލް ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ނަރެންދްރާ މޯދީ ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު އައިޕީއެލްގެ ޕްލޭ އޮފް ފަހު މެޗުގައި ރާޖަސްތާން ރޯޔަލްސްއިން ފައިނަލުގެ ޖާގައެއް ޔަގީންކުރީ ބެންގަލޫރު ކައިރިން ހަތް ވިކެޓުން މޮޅުވެގެންނެވެ. މެޗުގައި ރާޖަސްތާން ރޯޔަލްސްގެ ބަޓްލާ ވަނީ 100 ހަމަކޮށް ސެންޗަރީއެއް ހަދައިފައެވެ. އެއީ މިފަހަރުގެ އައިޕީއެލް ސީޒަނުގައި ބަޓްލާ ފުރިހަމަކުރި ހަތަރުވަނަ ސެންޗަރީއެވެ.

އައިޕީއެލްގައި މިފަހަރު 10 ޓީމު ވާދަކުރި އިރު، ޕްލޭ އޮފްއަށް ދިޔައީ ގަދަ ހަތަރު ޓީމެވެ. އެ ހަތަރު ޓީމުގެ ތެރެއިން ފައިނަލަށް ދާނީ ތިން ޕްލޭ އޮފް މެޗަކުން ކަނޑައަޅާ ދެ ޓީމެވެ. ޕްލޭ އޮފް ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން ބަލިވާ ޓީމަށް އަދި ޕްލޭ އޮފް ތިންވަނަ މެޗުން ފުރުސަތު ލިބޭނެއެވެ. ފުރަތަމަ ޕްލޭ އޮފް މެޗުން މޮޅުވެ ފައިނަލް ޔަގީންކުރީ ގުޖުރާތު ޓައިޓަންސްއެވެ. އެ މެޗުން ބަލިވި ނަމަވެސް ފަހު މެޗަށް ގޮސް، ރާޖަސްތާން ރޯޔަލްސްއިން ވަނީ ފައިނަލަށް ގޮސްފައެވެ.

ރާޖަސްތާން ރޯޔަލްސްއާއި ގުޖުރާތު ޓައިޓަންސް ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭގައެވެ.

ރޭގެ މެޗުގައި ފުރަތަމަ ބެޓްކުރަން އަރައި ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 157 ލަނޑެވެ. ބަދަލުގައި ކުޅެން އަރައި ރޯޔަލްސްއިން ވަނީ ތަފާތު ރޫހެއްގައި ބެޓްކޮށް، ތިން ކުޅުންތެރިން ނުބައިވި އިރަށް 161 ލަނޑު ހަމަކޮށްފައެވެ. 60 ބޯޅައިން ބަޓްލާ ހެދި 106 ލަނޑަކީ ރޯޔަލްސްގެ އެންމެ ކާމިޔާބު ބެޓިންއެވެ.

ރޭގެ ނަތީޖާއަކީ ބެންގަލޫރުގެ ވިރާތު ކޯލީއަށް ހިތި ނަތީޖާއެކެވެ. އޭނާއަށް ރޭގެ މެޗު ހާއްސަވެފައި އޮތީ އެންމެފަހުން ދެ އަހަރުވެސް އެލިމިނޭޓާ ޕްލޭ އޮފް މެޗުން ޓީމު ކަޓައިގެން ގޮސްފައިވާތީއެވެ. 2008 ވަނަ އަހަރު އައިޕީއެލް ވުޖޫދަށް އައި އިރުން ފެށިގެން މިއަދާ ހަމައަށް ކޯލީއަކީ ލީގުގެ މުހިންމު ކުޅުންތެރިއެއް ނަމަވެސް، އޭނާއަށް އަދި ލީގު ހޯދިފައެއް ނުވެއެވެ. އެކަން ނިންމާލަން މިފަހަރު ލިބުނު ފުރުސަތުން ފެއިލްވުމަކީ އަނެއްކާވެސް މާޔޫސް ކަމަކަށްވާނެއެވެ.