އއ. އުކުޅަހުން، އަލީ ޔާމީން (ވަން އޮންލައިން)

މާލެ ސަރަހައްދުގައި ބުރިޖު އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގައި އެ ސަރަހައްދުގެ ފަޅުތައް ހިއްކައިގެން ގޯތި ދެނީ މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

މެދު ރާއްޖޭގެ އަތޮޅުތަކުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނާއެކު އުކުޅަހުގައި މިއަދު ފެށި "ވިއަވަތި ކޮންފަރެންސް" ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ސަރުކާރުން ހިންގާ މަޝްްރޫތައް ލާމަރުކަޒީ ނިޒާމާ ގުޅިފައިވަނީ މައިގަނޑު ދެ ބޭނުމެއްގައި ކަމަށެވެ.

އެއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއް ތަނަވަސްވާނެ ގޮތެއް ހޯދުމާއި މާލެއަށް އޮތް ހުރިހާ ބުރައަކަށް ދެވެން އޮތް އެންމެ ބޮޑު ލުއެއް ދީ، ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ލާމަރުކަޒީކުރާ ވާހަކަ ދައްކާއިރު، މާލޭ ސަރަހައްދުގައި އިތުރު ބުރިޖެއް އަޅައި، ގިރާވަރުފަޅު ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދެނީ ކީއްކުރަންތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ

"އެއީ މާލެ ބާރުވެ ތާށިވެފައިވުމަށް ދޫޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. ރާއްޖޭގެ މައި ބަނދަރު ފުރަމާލޭން ބޭރުކޮށް، ގުޅީފަޅަށް ބަދަލުކުރެވިގެން ނޫނީ ރާއްޖޭގެ ބަޖެޓަށް އާމްދަނީ ކައިރި ކުރެވޭކަށް ނެތް. މާލޭ ރަށްވެހިންނަށް ހައްގުވާ ގޯތި ނުދީ ވާކަށް ވެސް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މާލެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތު މެދުވެރިވީ، އެންމެން ބަލަބަލައި ތިއްބައި ކަމަށާއި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ދިިރިއުޅުން ވެސް "އަރަތަކަށްވީ ގޯސްތައް ރަމަތަ ނުވެގެން" ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ހުރިހާ މަޝްރޫއެއްވެސް ގުޅިފައިވަނީ ރާއްޖެ ލާމަރުކަޒީ ކުރުމަށް ކަމަށެވެ.