މާލޭގައި ކަރަންޓް ފޯރުކޮށްދޭ މައި ކޭބަލަށް ދިމާވި މައްސަލަ ހައްލުކުރުމަށް އާ ކޭބަލެއް އަޅައި، ކަރަންޓު ކެނޑުމުގެ މައްސަލަ ސްޓެލްކޯއިން ހައްލުކޮށްފިއެވެ.

ސްޓެލްކޯއިން މިއަދުކުރި ޓުވީޓެއްގައި ބުނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ގެއްލުންވެފައިވާ ކޭބަލްގެ ބަދަލުގައި އަލަށް އަޅާފައިވާ ކޭބަލް ސަބްސްޓޭޝަނާއި ގުޅާލައި، އެނާޖައިޒް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ސްޓެލްކޯގެ މައި ކޭބަލަށް ދިމާވި މައްސަލައާ ހެދި މުޅި މާލެއިން ކަރަންޓު ކެނޑުނެވެ.

އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ ސްޓެލްކޯއިން ވަޅުލާފައި އޮތް 11ކޭވީ ޑިސްޓްރިބިއުޝަން ނެޓްވޯކް ކޭބަލަކަށް ލިބިފައިހުރި ގެއްލުމެއްގެ ސަބަބުން ކަމަށެވެ.

އަދި އެ ކޭބަލަކީ ސްޓެލްކޯގެ ވާޓްސިލާ އިންޖީނުގެއިން ގާކޮށި ފްލެޓް ކައިރީގައި ހުންނަ ޑިސްޓްރިބިއުޝަން ސަބް ސްޓޭޝަނަށް އަޅާފައި އޮންނަ ފީޑަރު ކޭބަލެއް ކަމަށާއި ކޭބަލް ހަލާކުވެފައިވާ ކަމަށް ލަފާކުރެވެނީ މަގު ކޮނުމުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.