ވިކްޓްރީ ސްޕޯޓްސް ކްލަބުން ދިވެހި އަދި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ދިނުމަށް، އެކަމަށް ބޭނުންވާ ފައިސާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ހަވާލު ކޮށްފައިވާ ކަމަށް ކްލަބުން ބުނެފިއެވެ.

ވިކްޓްރީ މިހާރު އޮތީ ފުޓުބޯޅައިން ސަސްޕެންޑުކޮށްފައެވެ. އެފްއޭއެމުން 2019 ވަނަ އަހަރު ވިކްޓްރީ ސަސްޕެންޑް ކުރީ 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ، އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރުމުންނެވެ.

އެ މައްސަލަ ވިކްޓްރީއަށް ކުރިމަތިވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމަށް އެ ކްލަބުން އިސްވެ މަސައްކަތް ކުރުމުން ކަމަށް ކްލަބުން ވަނީ ތުހުމަތުވެސްކޮށްފައެވެ.

އެ މައްސަލަތަކުން އަރައިގަނެ ޓީމު އަލުން ކޮޅަށް ޖެހުމަށް މިދިޔަ މަހުގެ ތެރޭގައި ވިކްޓްރީން އާ ބޯޑެއް އެކުލަވާލައި، ދަރަނި އަދާކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. އެގޮތުން އެ ކްލަބުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނުދެވި ހުރި މުސާރަތައް ދިނުމަށް އެކަމަށް ފައިސާ ހަމަޖައްސައި، އެފްއޭއެމްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ބޯޑުން ނިންމާފައިވާ ނިންމުންތަކަށްވެސް ކްލަބުގެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުލައި މަހުގެ ކުރީކޮޅުގައި ފެށުމަށް ތާވަލު ކޮށްފައިވާ އެފްއޭއެމް ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް ވަމުންދާ ތައްޔާރީތައްވެސް ކްލަބުން މިއަދު ވަނީ ހާމަކޮށްފައެވެ.

"ދެވަނަ ޑިވިޝަންގެ މުބާރާތުގައި ބައިވެރިވުމަށް ވާދަވެރި ޓީމެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. އެގޮތުން މިހާތަނަށް އައިއިރު ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ހަތަރު ކުޅުންތެރިންނާއެކު ޖުމުލަ 26 ކުޅުންތެރިން ވިކްޓްރީ ސްޕޯޓްސް ކްލަބާ ގުޅުމަށް ވަނީ އެއްބަސްވެފަ. ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވަނީ ގޯލްކީޕަރަކާއި ޑިފެންޑަރަކާއި މިޑްފީލްޑަރެއްގެ އިތުރުން ސްޓްރައިކަރެކެވެ. ޖޯޑަންއިން ގެންނަ ސްޓްރައިކަރު ފިޔަވައި ބިދޭސީ އެހެން ކުޅުންތެރިންނަކީ މިސްރުގެ ކުޅުންތެރިން." ވިކްޓްރީގެ ބަޔާނުގައިވެއެވެ.

ވިިކްޓްރީގެ ބަޔާނުގައި ބުނީ ކްލަބުގެ ކޯޗުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސްރީލަންކާގެ ކޯޗު ނިޒާމް ޕަކީރު އަލީ ކަމަށެވެ. ޕަކީރު އަލީ ކޯޗަކަށް ގެނައުމުގެ އިތުރުން ވިކްޓްރީއަށް ލަންކާ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރައިނަރު ގެންނަން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އޭގެ އިތުރުން އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުރިން ވިކްޓްރީއަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ އިސްމާއީލް އަނިލް ހަރަކާތްތެރިވާނެ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.

ޕަކީރް އަލީއަކީ ކުޅުންތެރިއެއްގެ ގޮތުގައި ބަންގްލަދޭޝް ލީގާއި ލަންކާ ލީގުގައި ކުޅެފައިވާ ކޯޗެކެވެ. އޭނާ ވަނީ ބަންގްލަދޭޝްގެ ފުރަތަމަ ޑިވިޝަން ކްލަބުތައް ކަމަށްވާ ޝެއިޚް ޖަމާލް ޑީސީ އާއި ބަންގްލަދޭޝް ޕޮލިސް އެފްސީ އަދި ޓީމް ބީޖޭއެމްސީއަށްވެސް ކޯޗުކަން ކޮށްދީފައެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރުން 2020 ވަނަ އަހަރަށް ލަންކާގެ ގައުމީ ޓީމުގައިވެސް ޕަކީރު އަލީ ކޯޗަކަށް ހުރި އިރު، އޭނާ ވަނީ ރާއްޖޭގައި ޔޫތު ޑެވަލޮޕްމަންޓް މަސައްކަތްތަކެއް ކުރިން ކޮށްފައެވެ. އެގޮތުން ލ. ގަމުގައި ފުޓުބޯޅަ ކުޅުންތެރިން ތަމްރީނު ކުރުމަށް ހާއްސަ އެކަޑެމީއެއް ޕަކީރް އަލީ ވަނީ ކުރިން ހިންގައިފައެވެ.

ވިކްޓްރީން ކުޅުންތެރިންގެ މުސާރަތައް ދޭން ނިންމާފައިވާ އިރު، ކްލަބުން ކުރިން ބުނެފައި ވަނީ އެ ކްލަބުން މުސާރަ ނުދެވި ތިބި ދިވެހި 22 ކުޅުންތެރިންނާއި ބިދޭސީ ހަތަރު ކުޅުންތެރިޔަކު އެބަތިބި ކަމަށެވެ.

ވިކްޓްރީން ދެވަނަ ޑިވިޝަނަށް ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކްލަބްގެ ނައިބު ރައީސް އިސްމާއިލް ލަތީފް (ޖީކޭ) އާއެވެ. ސްކޮޑެއް އެކުލަވާލައި، ކޯޗިން ޓީމެއް ވެސް ހަމަޖައްސައި، ވިކްޓްރީން އަމާޒު ހިފާފައިވަނީ މި މަހުގެ ނިޔަލަށް ޕްރެކްޓިސްތައް ފެށޭވަރު ކުރުމަށެވެ.

ވިކްޓްރީއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކުލަބެވެ. 1971 ވަނަ އަހަރު އުފެއްދި އެ ކްލަބުން ވަނީ ރާއްޖޭގެ ފުޓުބޯޅައިގައި ހުރިހާ ތަށްޓެއްވެސް ނަގައިފައެވެ. ގައުމީ ފުޓުބޯޅަ މުބާރާތް 21 ފަހަރު ހޯދި ވިކްޓްރީން ވަނީ އެ މުބާރާތް ދެ ފަހަރަށް މިލްކުވެސް ކޮށްފައެވެ. އޭގެ އިތުރުން 2000 ވަނަ އަހަރުން ފެށިގެން ތައާރަފު ވެގެން އައި ދިވެހި ލީގުވެސް ވިކްޓްރީން ވަނީ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.

ވިކްޓްރީއަކީ އޭއެފްސީ ކަޕުގައިވެސް ގިނަ ފަހަރުތަކެއްގެ މަތިން ރާއްޖެ ތަމްސީލުކުރި ކްލަބެކެވެ. މީގެ ކުރިން އެންމެފަހުން އެ ކްލަބަށް އޭއެފްސީ ކަޕުން ފުރުސަތު ލިބުނީ 2012 ވަނަ އަހަރުއެވެ.