މިއަހަރު ހައްޖަށްދިއުމަށް އާއްމުންނަށް ހުޅުވައިލި 100 ކޯޓާއަށް ކުރިމަތިލުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ސަރުކާރުގެ ގެޒެޓުގައި އިއްޔެ ހަވީރު ކުރި އިއުލާނެއްގައި ބުނީ، މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އެ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ކޯޓާގައި ހައްޖަށްދާނެ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެމެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުންކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނަގާނެ ކަމަށާއި އަދި ވެއިޓިން ކިއުއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ފުރަތަމަ 100 ޖާގައަށް ނަގާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން އެއްވެސް ސަބަބަކާހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ވެއިޓިން ކިއޫ ތަރުތީބުން ޖާގަދެމުން ދާނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތުގެ ޖާގަ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި ފައިސާދެއްކުމަށް ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެފަރާތެއްގެ ޖާގަ ގެއްލޭނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ރާއްޖެއަށް ލިބުނު 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައާޅާފައިވާ އަގަކީ 76,960.00 ރުފިޔާ ކަމަށާއި، އެ ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މިއަހަރު ހައްޖަށްދިއުމަށް އާއްމުންނަށް ހުޅުވާލި 100 ކޯޓާއަށް ކުރިމަތިލާ ފަރާތްތަކީ ފަރުޟު ހައްޖު އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން ޝަރުތުގެ ތެރޭގައި ހިމެނެއެވެ. އަދި ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 65 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ. ހައްޖަށް ދިއުމަށް ކުރިމަތިލާ ފަރާތަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވާން ޖެހޭނެއެވެ.

އެ ކޯޓާގެ ދަށުން ކުރިމަތިލުމަށް 2 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައި ކަމަށާއި ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނީ އެއް ކެޓަގަރީއަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އެއީ އެއްބޭފުޅުންގެ ކެޓަގަރީ އާއި ދެ ބޭފުޅުންގެ ކެޓަގަރީއެވެ.

ދެ ބޭފުޅުންގެ ކެޓަގަރީއަށް ކުރިމަތިލެވޭނީ އުމުރުން 45 އަހަރު ނުފުރޭ އަންހެން ބޭފުޅުންނާއި، ދެމަފިރިންނާއި، ބަލިހާލަތު ހުރިގޮތުން އެކަނި ހައްޖުގެ އަޅުކަން އަދާ ނުކުރެވޭ މީހުންނަށެވެ.

ހައްޖަށް ދިއުމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ފޯމު http://mhcl.mv/images/pdf/100%20quota%20for%20citizens.pdf ޑައުންލޯޑު ކުރެވޭނެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 13:00 އިން ފެށިގެން 18:00 ޖެހުމާ ހަމައަށެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ 18:00 ގެ ކުރިން [email protected] އަށް މެއިލްކުރަން ޖެހޭނެއެވެ.