Close
ޚަބަރު

ހައިޑްރޮގްރެފިކް ސާވޭގެ ދެވަނަ ބުރު ނިންމާލައިފި

މުހައްމަދު އިޝާން

އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖޭގައި ކުރިޔަށް ގެންދާ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ އިއްޔެ ނިންމާލައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އިއްޔެ ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާއާ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގެ ދެ ވަނަ ބުރު ނިންމައިލި އިރު ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި މި ސާވޭގެ ސަބަބުން ބޮޑެތި ފަސޭހަތަކާއި ފައިދާތައް ވާނެ ކަމަށެވެ.

ހައިޑްރޮގްރެފިކް ސާވޭގެ ދެ ވަނަ ބުރުގައި ރާއްޖޭގެ އުތުރާއި މާލެ ސަރަހައްދުވެސް ސާވޭކުރި އިރު، ސާވޭގެ ތެރޭގައި 6،500 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވެއެވެ. އެއީ އުތުރުގައި 4،750 ނެނޮމީޓަރުގެ ސައުންޑިން އާއި މާލެ ކައިރީގެ 1،730 ނެނޮމީޓަރުގެ ސައުންޑިންއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ، ދެ ވަނަ ބުރުގެ ސާވޭގައި ޖުމްލަ 944 އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ސައުންޑިން ލައިން ފޮނުވައިގެން ސާވޭކޮށްފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫއިން ފެށިގެން ށ. ފަރުކޮޅު ފުނަދޫއާ ހިސާބަށް 844 އަކަކިލޯމީޓަރާއި މާލެ ސަރަޙައްދުގެ 100 އަކަކިލޯމީޓަރެވެ.

ސާވޭގެ ދެ ވަނަ ބުރުގައި ރާއްޖޭގެ އުތުރާއި މާލެ ސަރަހައްދު ވެސް ސާވޭކުރީ މަލްޓި ބީމް އެކޯ ސައުންޑާސް ބޭނުން ކޮށްގެން ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ. މިހާރު އެ ސަރަހައްދުތަކުގެ ނެވިކަމުގެ ޗާޓްތައް އަޕްޑޭޓްވާނެ ކަމަށާއި އެއިރުން ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވެ، ރާއްޖޭގެ ނޫ އިގުތިސާދުވެސް ކުރިއަރާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

އެމްއެންޑީއެފް އާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެ އައިސްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގައި ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓް ކުރުމާއި އެންކަރޭޖު އަދި އެޕްރޯޗު ޗާޓު ހެދުމަށްޓަކައި ކުރާ ސާވޭއެކެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ، އެފަދަ ސާވޭއެއްގެ އަލީގައި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާ ކަމުގައިވާ ފަރަށް އެރުން ފަދަ ހާދިސާތައް މަދު ކުރެވި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒް ކުރުމާއި އިގުތިސާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް ބޭނުންވާ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މައުލޫމާތު ވެސް ލިބޭނެ ކަމަށް ބުންޏެވެ.