އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ކުރިއަށްދާއިރު އޮބްޒާވްކުރުމަަށް، އެމަނިކުފާނުގެ ވަކީލުން ބެއިތިއްބުމަށް ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.
އެމަނިކުފާނުގެ ފަރާތުން ކޯޓުގައި މިކަމަށް އެދިވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކޮއްކޮ ނާޒިމް ސައްތާރެވެ.
ނާޒިމް ސައްތާރު އެކަމަށް އެދިވަޑަިގެންފައި ވަނީ، ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެސިޓީގައި އެދިވަޑައިގެންފައި ވަނީ، 10 މީހުންގެ މައްޗަށް ހިންގާ ޝަރީއަތްތަކުގެ ތެރެއިން ބައެއް އަޑުއެހުންތައް އޮބްޒާވްކުރުމުގެ ފުރުސަތު ދިނުމަށެވެ.
ރައީސް ނަޝީދުގެ ހަތަރު ވަކީލަކަށް އެ ފުރުސަތު ދިނުމަށް ސިޓީގައި އެދިފައިވެއެވެ.
އޭގެ ތެރޭގައި ނާޒިމް ސައްތާރު (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް) ފަތުހުﷲ އަލީ (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް) އަހުމަދު ނިޔާޒު (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް) ގެ އިތުރުން އެ ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދުގެ މަންދޫބަކަށް ހަމަޖެއްސެވި އިނގިރޭސިވިލާތުގެ ވަކީލެއް ކަމަށްވާ ކާސްޓީ ބްރިމްލޯ (ޑޯޓީ ސްޓްރީޓް ޗެމްބާސް) ގެ ނަން ވަނީ ހުށަހަޅުއްވައިފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އަމިއްލަ އިއުތިރާފާ އެކު މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަހުމަދު އަދުހަމަށް އެކަންޏެވެ. މި ހަމަލާއާ ގުޅިގެން 10 މީހެއްގެ ޝަރީއަތް މިހާރުވެސް ކޯޓުގައި ކުރިއަށްދެ އެވެ.