ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލައިގެ ހެކިބަސްނަގައި ނިންމާލައިފިއެވެ.
ގާސިމް މަރައިލި މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު ގެ މައްޗަށް ދައުލަތުން ކުރަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔައީ އެ މައްސަލައިގައި، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ގާސިމްގެ މެޑިކޯ ލީގަލް ރިޕޯޓާ ބެހޭގޮތުން ހުށަހެޅި ހެކީގެ ހެކިބަސް ނެގުމެވެ. އެއީ ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރެކެވެ. މިއަދުގެ އަޑުއެހުމުގައި އޭނާ ވަނީ އެ ރިޕޯޓުގައި ގާސިމްގެ މަރާބެހޭގޮތުން ހިމެނޭ ކަންތައްތައް ތަފްސީލުކޮށް ކޯޓުގައި ކިޔައިދީފައެވެ.
މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ނުނެގޭ ދެ ހެކިން އަދިވެސް އެބަ ތިއްބެވެ. އެއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އާންމުންގެ ތެރެއިން މީހަކާއި ފުލުުހުންގެ މީހެކެވެ. ނަމަވެސް އާއްމު މީހާ ކޯޓަށް ހާޒިރު ނުވާތީ އޭނާގެ ހެކިބަސް ނެގިފައެއްނުވެއެވެ. ފުލުސް މީހާގެ ހެކިބަސް ނެގިފައި ނުވަނީ، އޭނާ ރާއްޖެއިން ބޭރުގައި ހުރުމުންނެވެ.
އެ ދެހެކިންގެ ހެކިބަސް ނުނެގުނު ނަމަވެސް މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިއަދު ނިންމާލާފައި ވަނީ ދައުލަތުން އެދިގެންނެވެ.
މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމާ އެކު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ. އެކަމާބެހޭ އަޑުއެހުންތައް އަންނަ މަހު ބާއްވަވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގެ ފުރަތަމަކޮޅު ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ދައުވާ އިއްވުމުން، އަދުހަމް ވަނީ އެއީ އޭނާ ކުރި ކަމެއް ކަމަށް އެއްބަސްވެފައެވެ.
އަދުހަމް އެގޮތަށް ބުނުމުން، ގާޒީ ވަނީ އެ ދައުވާގައި ހިމެނޭ ކަންކަން ވަކިވަކިން އަލުން އިއްވުމަށް ފަހު، އަދުހަމް ނުކުރާ އެއްވެސް ކަމެއް އެ ދައުވާގައި އެބަ އޮތްތޯ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި އަދުހަމް ބުނީ ދައުވާގައި މުޅިން ވެސް ހުރީ ތެދު ވާހަކަތަކެއް ކަމަށެވެ.
ނަމަވެސް އޭގެފަހުން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި އަދުހަމް ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އެ އަޑުއެމުހުގައި އަދުހަމް ބުނީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު