ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޝްވަރާކުރުމަށް ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.
މިއީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތަށް ކްރޮސްރޯޑުގައި ބޭއްވި "ވިޔަވަތި ރާއްޖެ" ގެ ދެވަނަ ކޮންފަރެންސެވެ. ފުރަތަމަ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަހަރުގެ ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގައި ހިމެނޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އއ. އުކުޅަހުގައެވެ.
ދެ ދުވަހުގެ އެ ކޮންފަރެންސްގައި 174 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ އިރު, ގިނަ ސެޝަންތައް ޗެއާކުރައްވާނީ ރައީސް ސޯލިހެވެ.
ރައީސް އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ ކޮންފަރެންސާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު "ވަން" އަށް މިއަދު ވިދާޅުވީ, އެ ކޮންފަރެންސްގައި ވަޒީރުންނާއި މުއައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށާއި ސަރުކާރަށް ދިމާވި ބައެއް ދަތިތަކާއި ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމުން އަރައިގަތުމަށް ކަމާބެހޭ މާހިރުންގެ އިރުޝާދާއި ލަފާވެސް މި ކޮންފަރެންސުގައި އަރުވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު