ޚަބަރު

ރައީސް ޔާމީންގެ ސަރުކާރުން ނެގި 200 މިލިއަންގެ ދަރަންޏަށް 192 މިލިއަން ދައްކައިފިން: އަމީރު

އިބްރާހިމް ޒަކީ

ދަރަނީގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ސަރުކާރަށް ނެގި 200 މިލިޔަން ޑޮލަރުގެ ދަރަންޏަށް މިހާރު 192 މިލިޔަން ޑޮލަރު ދައްކާފައިވާ ކަމަށް ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނސިްޓަރު އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިހާރު ދިރާސާ ކުރަމުން އަންނަ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ބެހޭގޮތުން މެންބަރުން އޮޅުންފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް ދައްކަމުން އަންނަ ގޮތާބެހޭގޮތުން ގިނަ މެންބަރުންތަކެއް ކޮމިޓީގައި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކުރިން އޮތް ގޮތުން ނަމަ އެ ބޮންޑަށް، އަންނަ ޖޫން މަހު އެއްފަހަރާ 250 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުން ސުކޫކް ވިއްކައިގެން މިދިޔަ އަހަރު އޭގެ ތެރެއިން 192 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު އޮތްގޮތުން، އަންނަ ޖޫން މަހު ދައްކަން ޖެހޭނީ ބާކީ އޮތް 58 މިލިއަން ޑޮލަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ 58 މިލިއަން ޑޮލަރާއި އެ ދަރަނީގެ އިންޓްރެސްޓާއެކު ދައްކަން ޖެހެނީ 62 މިލިއަން ޑޮލަރު ކަމަށާއި އެ ފައިސާ އެބަހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަޖެޓުގައިވާ ގޮތުގައި ބޮންޑުގެ ބާކީ ދައްކާނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު އަނބުރާ ދައްކާ ގޮތަށް 2017 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިއްކި 200 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑަކީ ދިވެހި ސަރުކާރުން ބޭރުގެ މާލީ ބާޒާރުގައި ވިއްކި ފުރަތަމަ ސޮވަރިން ބޮންޑެވެ.