ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް)ގެ ފައިނަލަށް ދިޔުމަށް ކުޅޭ ޕްލޭ އޮފްގެ ފަހު މެޗުން ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ފުރުސަތު ހޯދައިފިއެވެ.
އައިޕީއެލްގައި މިފަހަރު 10 ޓީމު ވާދަކުރި އިރު، ޕްލޭ އޮފްއަށް ދިޔައީ ގަދަ ހަތަރު ޓީމެވެ. އެ ހަތަރު ޓީމުގެ ތެރެއިން ފައިނަލަށް ދާނީ ތިން ޕްލޭ އޮފް މެޗަކުން ކަނޑައަޅާ ދެޓީމެވެ. ޕްލޭ އޮފް ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން ބަލިވާ ޓީމަށް އަދި ޕްލޭ އޮފް ތިންވަނަ މެޗުން ފުރުސަތު ލިބޭނެއެވެ. ފުރަތަމަ ޕްލޭ އޮފް މެޗުން މޮޅުވެ ފައިނަލް ޔަގީންކުރީ ގުޖުރާތު ޓައިޓަންސްއެވެ. އެ މެޗުން ބަލިވި ރާޖަސްތާން ރޯޔަލްސްއަށް އަދި ފައިނަލުގެ ފުރުސަތު އެބަ އޮތެވެ.
ރާޖަސްތާން ރޯޔަލްސްއަށް ފައިނަލުގެ ފުރުސަތު އޮތީ ރޭ ކުޅުނު މެޗުގައި ލަކްނައު ސުޕާ ޖަޔަންޓްސް ކައިރިން މޮޅުވި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކައިރީ މޮޅުވެގެންނެވެ. ސުޕަ ޖަޔަންޓްސް ރޭގެ ބައްޔާއެކު ޕްލޭ އޮފްއިން ކެޓި އިރު، ފައިނަލުގެ ދެވަނަ ޓީމު ޔަގީންވާނީ މާދަމާ ރޭ ރޯޔަލް ޗެލެންޖާސް ބެންލޫރާއި ރާޖަސްތާން ރޯޔަލްސް ކުޅޭ މެޗުންނެވެ.
ރޭ ކުޅުނު މެޗުން ލަކްނައު ސުޕަ ޖަޔަންޓްސްގެ މައްޗަށް ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ކުރި ހޯދީ 14 ލަނޑުންނެވެ.
މެޗުގައި ފުރަތަމަ ބެޓް ކުރަން އަރާ ރޯޔަލް ޗެލެންޖާސްއިން ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 204 ލަނޑު ހަދާފައެވެ. އޭގެ ތެރެއިން 112 ލަނޑު، 54 ބޯޅައިން ހެދީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ރަޖަތު ޕަތިދާރެވެ.
ބަދަލުގައި ކުޅެން ނުކުމެ ޖަޔަންޓްސްއިން ހިތްވަރުކުރި އިރު، އެޓީމުގެ ކެޕްޓަން ކޭއެލް ރާހުލް ވަނީ 58 ބޯޅައިން 79 ލަނޑު ހަދާފައެވެ. ކެޕްޓަނުގެ ރަނގަޅު ކުޅުމާއެކުވެސް އެޓީމަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 193 ލަނޑެވެ. ރޯޔަލް ޗެލެންޖާސްގެ އޮސްޓްރޭލިއާގެ ފާސް އުކުންތެރިޔާ ޖޯޝް ހޭޒަލްވޫޑް ވަނީ މެޗުގައި ތިން ވިކެޓު ނަގައިފައެވެ.
ރޭގެ މެޗަށްފަހު ރޯޔަލް ޗެލެންޖާސްގެ އިންޑިއާ ތަރި ވިރާތު ކޯލީ ވަރަށް ބޮޑަށް އުފާފާޅުކުރިތަން ފެނުނެވެ. އޭނާއަށް ރޭގެ ނަތީޖާ ހާއްސަވީ އެންމެފަހުން ދެ އަހަރުވެސް އެލިމިނޭޓާ ޕްލޭ އޮފް މެޗުން ކޯލީގެ ޓީމު ކަޓައިގެން ގޮސްފައިވާތީއެވެ. 2008 ވަނަ އަހަރު އައިޕީއެލް ވުޖޫދަށް އައި އިރުން ފެށިގެން މިއަދާ ހަމައަށް ކޯލީއަކީ ލީގުގެ މުހިއްމު ކުޅުންތެރިއެއް ނަމަވެސް، އޭނާއަށް އަދި ލީގު ހޯދިފައެއް ނުވެއެވެ.