ޚަބަރު

ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުންގެ ބަދަލުގައި ދިވެހިން ހޯދަނީ

ރިފާ ހަލީލު

އަތޮޅު ތެރޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުންގެ ބަދަލުގައި ދިވެހިން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިމަހުގެ 24 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި، ރިޕްލޭސްމަންޓް ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދިވެހި ސްޕެޝަލިސްޓުން ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ކޮންސަލްޓަންޓް އިން އޮފްތަލްމޮލޮޖީ (ލޮލުގެ ހާއްސަ) 17 ޑޮކްޓަރުންނާއި ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ އަށް ހާއްސަ 17 ޑޮކްޓަރުންނާއި ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް (ކަށީގެ ހާއްސަ) 10 ޑޮކްޓަރުންނާއި ކޮންސަލްޓަންޓް އިން ސާޖަރީ (އޮޕަރޭޝަނަށް ހާއްސަ) 11 ޑޮކްޓަރުން ހޯދަން ބޭނުންވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ (ހޭނައްތާ) 10 ޑޮކްޓަރުންނާއި ކޮންސަލްޓަންޓް އިން މެޑިސިންއަށް ހާއްސަ ނުވަ ޑޮކްޓަރުން ބޭނުންވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި 71 ނަރުހުން ބޭނުންވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެސޯސިއޭޓް ސްޕެޝަލިސްޓް ޑޮކްޓަރަކަށް މަހަކު 38,010 ރުފިޔާ އާއި 42,290 ރުފިޔާއާ ދެމެދުގެ އަދަދަކަށް އިނާޔަތްތަކާއެކު މުސާރަ ދެވޭނެ ކަމަށެވެ. އަދި ކޮންސަލްޓަންޓް ޑޮކްޓަރަކަށް 43,740 ރުފިޔާ އާއި 50,150 ރުފިޔާ އާ ދެމެދުގެ އަދަދަކަށް އިނާޔަތްތަކާއެކު ކޮންމެ މަހަކު މުސާރަ ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުންވެސް އިތުރު އިނާޔަތްތައް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަތޮޅުތެރޭގައި މަސައްކަތްކުރާ ބިދޭސީ ޑެންޓިސްޓުން (ދަތުގެ ބަލިތަކަށް ހާއްސަ)ގެ ބަދަލުގައި ދިވެހި ނުވަ ޑެސްޓިސްޓުން ހޯދުމަށްވެސް ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން މުސާރައިގެ ގޮތުގައި 23,340 ރުފިޔާ އާއި، 26,600 ރުފިޔާ އާ ދެމެދުގެ އަދަދަކަށް އިނާޔަތްތަކާއެކު މުސާރައެއް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަށްވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ރެޖިސްޓާޑު ނަރުހަކަށް 9،060 ރުފިޔާ އާއި 9،670 ރުފިޔާއާ ދެމެދުގެ އަދަކަށް މުސާރަ ލިބޭނެ އެވެ. ސީނިއާ ރެޖިސްޓާޑު ނަރުހަކަށް 9670 ރުފިޔާ އާއި 10،160 ރުފިޔާ އާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ކުލިނިކަލް ނަރުހުންނަށް މަހަކު 10،410 ރުފިޔާ އާއި 10،940 ރުފިޔާ އާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭނެ އެވެ.

ލެވެލް ތިނެއްގެ ސިއްހީ މަރުކަޒަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 188 ރުފިޔާ ލިބޭނެ އެވެ. ލެވެލް ދޭއްގެ ސިއްހީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކު 150 ރުފިޔާ ލިބޭއިރު ލެވެލް އެކެއްގެ ސިއްހީ މަރުކަޒަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120 ރުފިޔާ ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 1:30ގެ ކުރިން ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.