ލުއި ޚަބަރު

ހިތާއިހިތުގެ ގުޅުމެއްކަން ސާބިތުކޮށް ނުދެވެންޏާ ފައިސާ ލިބުމެއްނެތް!

އުމުރުން 83 އަހަރުގެ މުސްކުޅި އަންހެނަކާ 2005 ވަނައަހަރު ހާރޫން އެރީކީ ކައިވެނިކުރިއިރު އޭނާގެ އުމުރަކީ 31 އަހަރެވެ. ހާރޫން ބުނާގޮތުގައި މިއީ ވަރަށް ލޯބިން ކުރި ކައިވެންޏެކެވެ. އެކަމަކު އަންހެން މީހާ މަރުވުމާއެކު އޭނާގެ މުދަލާއި ފައިސާ ލިބޭނޭ މީހެއްގެ މައްސަލަ މިހާރު ވަނީ އުފެދިފައެވެ.

އަންހެންމީހާގެ އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުން ބުނާގޮތުގައި ހާރޫނަކީ ފައިސާގެ ދަހިވެތިކަމުގައި އޭނާއަށްވުރެ 52 އަހަރު ދޮށީ އަންހެނަކާ ކައިވެނި ކުރި މީހެކެވެ. އެހެންވީމާ އަންހެންމީހާ މަރުވިއިރު ދުނިޔެއަށް ދޫކޮށްފައިދިޔަ އެތައް މިލިޔަން ޑޮލަރެއްގެ މުދަލާއި ގެދޮރާއި ފައިސާގެ ވާރިސަކަށް ހާރޫނު ވެގެނެއް ނުވާނެއެވެ. ހުރިހާ މުދަލަކާއި ފައިސާއެއް ލިބެންވާނީ އަންހެންމީހާގެ އެއްބަނޑު މީހުންނަށެވެ.

މައްސަލަ މިހާރު އޮތީ ކޯޓުގައެވެ. މިކަމުގައި ކޯޓުން ހުކުމެއް އިއްވަންދެން އަންހެން މީހާގެ މުދަލާއި ފައިސާ އެއްވެސް ބަޔަކު ބޭނުންކުރުން ކޯޓުން ވަނީ މަނާކޮށްފައެވެ. ހާރޫނަށް މިފައިސާ ލިބޭނީ މި ކައިވެންޏަކީ ހިތާއި ހިތުގެ ގުޅުމެއްކަން ސާބިތުކޮށްދެވިގެންނެވެ. ހާރޫން ބުނާގޮތުން އުމުރުން ކިތަންމެ ދޮށީވިޔަސް އެ އަންހެންމީހާޔާ އޭނާ އިނީ ހިތާވެގެންނެވެ. އޮތީ ހިތާއިހިތުގެ ގުޅުމެކެވެ. ހިތާއި ފައިސާގެ ގުޅުމެއް ނޫނެވެ. އޭނާ މި ކައިވެނި ނުކޮށްފިނަމަ އެހެން ފިރިހެނަކު ހޯދައިގެން އެފިރިހެނަކާވެސް އިންނާނޭ ކަމަށް އަންހެން މީހާ އިންޒާރުދީފައިވާ ކަމަށާއި އެއްބަނޑު މީހަކަށް މިލްކިއްޔާތުގެ އެއްވެސް މިންވަރެއް ދޭން އަންހެންމީހާ ބޭނުން ނުވާ ކަމަށްވެސް ހާރޫން ބުނެފައިވެއެވެ.