އުމުރުން 40 އަހަރުގެ ސްވިޑެން ފޯވަޑް، ޒްލަޓަން އިބްރަހިމޮވިޗް ކަކުލުގެ އޮޕަރޭޝަނެއް ކޮށް، އަށް މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އޭސީ މިލާނާއެކު މި ސީޒަންގެ އިޓަލީ ލީގު ކާމިޔާބު ކުރި ޒްލަޓާން ވަނީ ކާމިޔާބުކަމާއެކު ކަކުލުގެ އޮޕަރޭޝަން ފުރިހަމަ ކޮށްފައެވެ. އިއްޔެ އޭސީ މިލާނުން ބުނެފައި ވަނީ "ޒްލަޓާންގެ ވާތު ކަކުލުގެ އޮޕަރޭޝަން ކާމިޔާބު،" ކަމަށެވެ.

އޭސީ މިލާނުން 2011 ވަނަ އަހަރަށްފަހު މިއަހަރު ފުރަތަމަ ފަހަރަށް ސެރެއާ އޭ ކާމިޔާބު ކުރުމުގައި ޒްލަޓާންގެ ތަޖުރިބާގެ ދައުރު ބޮޑު ނަމަވެސް، އޭނާ ފެނުނީ އަނިޔާގެ މައްސަލަތަކެއްގެ ތެރޭގައެވެ. ސީޒަންގެ ތެރެއިން ޒްލަޓާންއަށް ގިނަ މެޗުތަކެއް ގެއްލިފައިވާ އިރު، ކުޅެފައި ވަނީ ޖުމުލަ 23 މެޗެއްގައެވެ. އޭގެ ތެރެއިން ފުރަތަމަ 11 ގައި ނުކުމެފައި ވަނީ 11 މެޗަކަށެވެ.

ޔޫރަޕުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ފޯވަޑް ޒްލަޓާން އޭސީ މިލާނާއެކު ހޯދި ލީގު ތަށި، މީގެ މަހެއް ކުރިން މަރުވި އޭނާގެ އެޖެންޓް މިނޯ ރައިއޯލާއަށް ހާއްސަ ކޮށްފައިވާ އިރު، އޮޕަރޭޝަނަކަށް ދިޔުމުގެ ކުރިން ބުނެފައި ވަނީ އަދި އެއް ސީޒަނުގައި އޭސީ މިލާނަށް ކުޅެން ބޭނުންވާ ކަމަށެވެ. އަންނަ ހޫނު މޫސުމަށް ޒްލަޓާން އޭސީ މިލާނާއެކު ވެފައިވާ އެއްބަސްވުން ހަމަވާ އިރު، އޮޕަރޭޝަނުގެ ސަބަބުން ކުރިމަގަމަށް ވަނީ ސުވާލުތަކެއް އުފެދިފައެވެ.

އަށް މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޒްލަޓާންއަށް މަޖުބޫރުވެފައިވުމުން، ބައެއް ނޫސްތަކުން ބުނެފައި ކުޅުން ހުއްޓާލަންވެސް ޒްލްޓާން ވިސްނަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އަދި އެެއްވެސް އިޝާރާތެއް ޒްލަޓާންގެ ފަރާތުން ދީފައެއް ނުވެއެވެ.

ޒްލަޓާން މި ސީޒަނުގައި އޭސީ މިލާނަށް ޖަހައިދިނީ އަށް ގޯލެވެ. ކުރިން މެންޗެސްޓާ ޔުނައިޓެޑާއި، ބާސެލޯނާގެ އިތުރުން ޕީއެސްޖީއާއި އިންޓަ މިލާނަށް އަދި ޔުވެންޓަސްއަށްވެސް ކުޅުނު ޒްލަޓާން ވަނީ 2018 ވަނަ އަހަރުން 2020 ވަނަ އަހަރަށް އެމެރިކާ ލީގުގެ އެލްއޭ ގެލެކްސީއަށްވެސް ކުޅެފައެވެ. އެމެރިކާ ލީގަށް އެފަހަރު ޒްލަޓާން ދިޔުމުން ގިނަ ބަޔަކު ބެލީ ދެން އޭނާ އެނބުރި ޔޫރަޕްގެ ލީގުތަކަށް ނާންނާނެ ކަމަށް ނަމަވެސް، 2020 ވަނަ އަހަރުން ފެށިގެން އަނެއްކާވެސް އޭސީ މިލާނަށް ކުޅެން ފެށިއެވެ.

ޒްލަޓާން 2020 ވަނަ އަހަރު އޭސީ މިލާނަށް ދިޔުމުގެ ކުރިން ވަނީ، 2010 ވަނަ އަހަރުން 2012 ވަނަ އަހަރަށްވެސް އެ ކްލަބަށް ކުޅެފައެވެ.