މި ސީޒަނަށް އަލަށް ތައާރަފުކުރި ޔޫއެފާ ކޮންފަރެންސް ލީގުގެ ތަށި އިޓަލީގެ ރޯމާއިން ހޯދައިފިއެވެ.
ރޯމާއިން ކޮންފަރެންސް ލީގު ކާމިޔާބުކުރީ ރޭ އަލްބޭނިއާގެ ޓިރާނާގައި ކުޅުނު ފައިނަލް މެޗުގައި ފޭނޫޑުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ރޭގެ ކާމިޔާބީއަކީ ރޯމާގެ ތާރީހުގައިވެސް ލިބުނު ޔޫރަޕްގެ ފުރަތަމަ ކާމިޔަބީއެވެ. އަދި ރޯމާއިން ތަށްޓެއް ހޯދާފައި މިވަނީ 17 އަހަރުގެ އިންތިޒާރަކަށް ފަހުއެވެ.
ޔޫރަޕްގެ އެންމެ ކާމިޔާބު ކޯޗު ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ރޯމާއިން ރޭގެ ތަށި ހޯދި އިރު، އެ ކާމިޔާބީއަކީ މޮރީނިއޯ ޔޫރަޕްގައި ހޯދީ ފަސްވަނަ ތަށްޓެވެ. ޔޫރަޕްގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗު، މޮރީނިއޯ ވަނީ 2002-03 ވަނަ އަހަރުގެ ސީޒަންގައި ޕޯޓީއާއެކު ޔޫއެފާ ކަޕް ކާމިޔާބޫކޮށް ދެން ޖެހިގެން އައި ސީޒަނުގައި ޕޯޓޯއަށް ޗެމްޕިއަންސް ލީގުވެސް ހޯދައިދީފައެވެ. އޭގެ ފަހުން 2010 ވަނަ އަހަރު އިންޓަ މިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މޮރީނިއޯ ވަނީ 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގުވެސް އުފުލައިލައިފައެވެ.
މިހާތަނަށް ޔޫރަޕްގެ އެކިއެކި މުބާރާތްތަކުގައި މޮރީނިއޯ ނުކުތީ ފަސް ފައިނަލަކަށެވެ. އެ ފަސް ފައިނަލްވެސް އޭނާ ކާމިޔާބު ކުރިއެވެ. ރޭގެ މެޗަށްފަހު އަތުގެ އިނގިލިތަކުން ފަހެއް ދައްކައި، މޮރީނިއޯ ވަނީ އޭނާގެ ސްޓައިލުގައި އުފާފާޅުވެސް ކޮށްފައެވެ. މޮރީނިއޯއަކީ ޔޫރަޕްގެ ހުރިހާ ތަށްޓެއް ހޯދާފައިވާ ހަމައެކަނި ކޯޗެވެ.
ރޭ ރޯމާއިން ފޭނޫޑް ބަލިކުރީ ފުރަތަމަ ހާފުގައި ނިކޯލޯ ޒަނިއޯލޯ ޖެހި ގޯލުންނެވެ. ޒަނިއޯލޯ ގޯލު ޖެހީ ޖިއާންލޫކާ މަނިޗީނީ ދިން ޕާހެއް، އޭރިއާ ތެރޭގައި ހުރެ ފްލިކް ކޮށްލައިގެން ފޭނޫޑުގެ ގޯލްކީޕަރަށް އޮޅުވާލައި، ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު