ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
އެމްއެންޕީން "ރައްޔިތުންގެ އުދާސް" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި އެކަމަށް އިޝާރަތްކުރައްވައި ނާޒިމް ވިދާޅުވީ، މަޖިލީހުގެ މެންބަރުން މަޖިލީހުގެ އެއް ދައުރަށް ހިދުމަތްކުރުމުން، އެ މެންބަރުންނަށް ގިނަ އިނާޔަތްތަކެއް ލިބޭ ގޮތަށް ނިޒާމު ރަވާފައިވާ ކަމަށާއި އެކަމުން ދައުލަތަށް ފައިސާގެ ދަތިކަމެއް އެއިރު ދިމާނުވާ ކަމަށެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގައި މެންބަރުން ކުރައްވާ މަސައްކަތެއް ނެތް ކަމަށާއި މެންބަރުންނަށް އިނާޔަތުގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް ކަނޑާލަން ޖެހޭ ކަމަށެވެ.
"މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ފަސް އަހަރު ހިދުމަތްކޮށްލީމަ އެ ބޭފުޅުންނަށް އެތައް ބައިވަރު އިނާޔަތެއް ލިބޭ ގޮތަށް މިއޮތީ ރާވާލާފައި. އޭރަކު ފައިސާގެ މައްސަލައެއް ނެތް. މެންބަރުން ވީމަ ހަމަ ލިބެންވީ، އަޅުގަނޑު ދަންނަވަން އޮތީ މެންބަރުންނަށް އެ ފައިސާ ދޭނެ ކަމެއް ނެތޭ." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަތައްވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެއަށް ތާއިދުކުރެއްވީ އެމްއެންޕީގެ ނައިބު ރައީސް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. ނަމަވެސް އެ މައްސަލައަށް ބަހުސް ކުރުމެއް ނެތި ވަނީ ބޭރުކޮށްލައިފައެވެ.
އެކަމަށް އިޝާރަތްކުރައްވައި ނާޒިމް ވިދާޅުވީ، އެޕާޓީ އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިންނަކީ އުފާފާގަތިކަމާއި ބަޔަކަށް ބަރޯސާ ނުވެ ހިތްހަމަޖެހިގެން އުޅެވޭ ބަޔަކަށް ހެދުން ހިމެނޭ ކަމަށެވެ. ނަމަވެސް މިއަދު އިސްރަށްވެހީން ބަޔަކަށް ނުވާ ކަމަށާއި އެމީހުން ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށް ވިދާޅުވިއެވެ.
ނާޒީމް ވިދާޅުވީ އިސްރަށްވެހިންގެ ޖަމިއްޔާއާ އެމްއެންޕީގެ ފަރާތުން ބައްދަލުކޮށްފައިވާ ކަމަށެވެ. ބަޖެޓްގެ ދަތިކަމާ ހުރެ އިސްރަށްވެހިންގެ ކަންބޮޑުވުންތައް ހައްލުކުރެވެން ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން އެ ޖަމިއްޔާއަށް އަންގާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"މިއީތޯ މިއަދު ބޭނުންވާ ޖަވާބަކީ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ 40 އަހަރު ނުވަތަ 20 އަހަރު ދައުލަތަށް ހިދުމަތް ކޮށްފައިވާ މީހުން ކޮށްފައި އެވަނީ ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް ޕެންޝަން ދެމުން ގެންދަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށެވެ.
މިހާރު އޮންނަ ގޮތުން ގިނަ ދުވަހު ވަޒީފާ އަދާކޮށްގެން ރިޓަޔާވެފައިވާ ފަރާތްތަކާއި ވަޒީފާ އަދާނުކޮށް އުމުރުން ދުވަސްވުމުން އިނާޔަތް ލިބޭ ފަރާތްތަކާ މާބޮޑު ތަފާތެއް ނެތްކަން ވެސް ނާޒިމް ވަނީ ފާހަގަ ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު