އިސްރަށްވެހިންނަށް ހާއްސަކޮށްގެން "މިނިސްޓްރީ އޮފް ހެޕިނެސް" އުފައްދާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމް ވަނީ ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެއަށް ތާއިދުކުރެއްވީ އެމްއެންޕީގެ ނައިބު ރައީސް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ. ނަމަވެސް އެ މައްސަލައަށް ބަހުސް ކުރުމެއް ނެތި ވަނީ ބޭރުކޮށްލައިފައެވެ.
އެމްއެންޕީން "ރައްޔިތުންގެ އުދާސް" ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި އެކަމަށް އިޝާރަތްކުރައްވައި ނާޒިމް ވިދާޅުވީ، އެޕާޓީ އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިންނަކީ އުފާފާގަތިކަމާއި ބަޔަކަށް ބަރޯސާނުވެ ހިތްހަމަޖެހިގެން އުޅެވޭ ބަޔަކަށް ހެދުން ހިމެނޭ ކަމަށެވެ. ނަމަވެސް މިއަދު އިސްރަށްވެހިން ބަޔަކަށް ނުވާ ކަމަށާއި އެމީހުން ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށް ވިދާޅުވިއެވެ.
ނާޒީމް ވިދާޅުވީ އިސްރަށްވެހިންގެ ޖަމިއްޔާއާ އެމްއެންޕީގެ ފަރާތުން ބައްދަލުކޮށްފައިވާ ކަމަށެވެ. ބަޖެޓްގެ ދަތިކަމާ ހުރެ އިސްރަށްވެހިންގެ ކަންބޮޑުވުންތައް ހައްލުކުރެވެން ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން އެ ޖަމިއްޔާއަށް އަންގާފައިވާ ކަމަށެވެ.
"މިއީތޯ މިއަދު ބޭނުންވާ ޖަވާބަކީ،" ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އެއް ދައުރަށް ހިދުމަތްކުރުމުން، އެ މެމްބަރުންނަށް ގިނަ އިނާޔަތްތަކެއް ލިބޭ ގޮތަށް ނިޒާމު ރަވާފައިވާ ކަމަށާއި ނަމަވެސް އެކަމުން ފައިސާގެ ދަތިކަމެއް ދިމާނުވާ ކަމަށް ނާޒިމު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގައި މެމްބަރުން ކުރައްވާ މަސައްކަތެއް ނެތް ކަމަށާއި މެމްބަރުންނަށް އިނާޔަތުގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް ކަނޑާލަން ޖެހޭ ކަމަށެވެ.
"ބޮޑު މުސާރަ ނަގައިގެން އަޅުގަނޑުމެން ކީއްތޯ އެތާނގަ މިކުރަނީ. ކުރާ ކަމެއް ހަރާން،" ނާޒިމު ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ބޭނުންވަނީ ހިދުމަތުގައި ތިބޭ ފަރާތްތަކަށް ރަނގަޅު ގޮތްތައް ވުން ކަމަށާއި އެކަން ކުރުމަށްޓަކައި އެމްއެންޕީގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނެސް" އުފައްދާނެ ކަމަށް ނާޒިމު ވިދާޅުވިއެވެ.
"އުފާވެރިކަމާއެކީގައި ތިބެވޭނެ ގޮތަކަށް މިނިސްޓްރީއެއް އުފައްދައިގެން އިސްރަށްވެހިންނާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. މިއީ އުއްމީދީ ޕާޓީއަކީ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ 40 އަހަރު ނުވަތަ 20 އަހަރު ދައުލަތައް ހިދުމަތް ކޮށްފައިވާ މީހުން ކޮށްފައިވަނީ ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް ޕެންޝަން ދެމުން ގެންދަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށެވެ.
މިހާރު އޮންނަ ގޮތުން ގިނަ ދުވަހު ވަޒީފާ އަދާކޮށްގެން ރިޓަޔާވެފައިވާ ފަރާތްތަކާއި ވަޒީފާ އަދާނުކޮށް އުމުރުން ދުވަސްވުމުން އިނާޔަތް ލިބޭ ފަރާތްތަކާ މާބޮޑު ތަފާތެއް ނެތްކަން ވެސް ނާޒިމް ވަނީ ފާހަގަ ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު