އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައި، މައްސަލަތައް ތަރުތީބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވައިލައި އަމަލުކުރަންފަށައިފިއެވެ.

އެ އުސޫލަށް ކިޔައީ "އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު" އެވެ.

އެ އުސޫލުގެ މަގުސަދަކީ، އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމުގައި އަމަލުކުރާނެ މިންގަނޑުތައް ކަނޑައެޅުމެވެ. އަދި އެ މުއައްސަސާއަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން އަމަލުކުރަނީ ހަމަހަމަކަމާއެކުތޯ ޔަގީން ކުރުމެވެ. މީގެ އިތުރުން މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރަނީ ޖަވާބާރީކުރުވެނިވި ނިޒާމެއްގެ ތެރެއިންތޯ ކަށަވަރުކުރުމާއި، މައްސަލަތައް ނިންމަނީ ޒަތީ ތައައްސުބުންނާއި ނުފޫޒުން އެއްކިބާވެގެން ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރު ކުރަމަކީ ވެސް އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

  • - ވަކި މުއްދަތެއްގެ ކުރިން ނުވަތަ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަ ތަހުގީގުކޮށް ނުނިންމައިފިނަމަ، ފޫނުބެއްދޭފަދަ ބޮޑު ގެއްލުމެއް ދައުލަތަށް ލިބިދާނެކަމުގެ އިހުތިމާލު އޮތުން
  • - މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށްވުން
  • - މައްސަލައިގެ ހެކި ނައްތާލަފާނެކަމުގެ އިހުތިމާލުއޮތުން
  • - މައްސަލައިގެ ބާވަތުން އިސްކަން ނުދީފިނަމަ މައްސަލަ ކުރިއަށް ގެންދިޔުމުގައި ދަތި ކަންތައްތަކެއް ކުރިމަތިވެދާނެކަމުގެ ފުރުސަތު އޮތުން
  • - މައްސަލައިގެ ހިމެނޭ ފައިސާގެ އަދަދަށް ރިއާޔަތްކޮށްގެން
  • - މައްސަލައަކީ ދައުލަތުގެ މުހިންމު މަސްލަހަތެއް ހިމެނޭ ކަމަކާ ގުޅިގެން ދައުލަތުގެ އިދާރާާއަކުން ތަހުގީގުކުރަމުންނާ ނުވަތަ ރިވިއު ކުރުމަށް ފޮނުވާފައިވާ މައްސަލައަކަށްވުން
  • - މައްސަލައިގެ ތުހުމަތުކުރާ ފަރާތް ކުށްކުރިއިރު ހުރި ނުވަތަ މައްސަލަ ތަހުގީގުކުރަމުންދާއިރު ހުރި މަގާމަށް ރިއާޔަތްކޮށްގެން
  • - މައްސަލައަށް ހާއްސަ އިސްކަމެއް ނުދީފިނަމަ ބައެއްގެ ނުވަތަ ފަރުދެއްގެ ހައްގެއް ގެއްލިގެންދާނެކަމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުން
  • - މައްސަލައާ ގުޅުންހުރި ފައިސާގެ މުއާމަލާތް މަޑުޖައްސާލައިފައި އޮތުން
  • - މައްސަލައާ ގުޅިގެން ދައުލަތުގެ މަޝްރޫއެއް އެއްވެސް އިދާރާއަކުން ހުއްޓުވައިފައިވުން ނުވަތަ މަޑުޖައްސައިފައިވުން
  • - މައްސަލައިގައި ލިބިފައިހުރި ހެކި ގަރީނާ ވަޒަންކުރުމަށްފަހު ދައުވާ ކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ މައްސަލައަކަށްވުން
  • - މައްސަލައިގައި ލިބިފައިހުރި ހެކި ގަރީނާ ވަޒަންކުރުމަށްފަހު އެ މައްސަލައިގައި ދައުލަތަށް އަނބުރާ ހޯދުމުގެ ފުރުސަތު އޮތް މުދަލާއި ފައިސާއަށް ރިއާޔަތްކޮށްގެން
  • - ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަމެއް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކަމެއް އެ މައްސަލައިގައި ހިމެނުން

މައްސަލައަކަށް އިސްކަން ދިނުމާ ގުޅޭގޮތުން އެ އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ގޮތެއް ނިންމާނީ އޭސީސީގެ މެންބަރުންނެވެ. އަދި އުސޫލުގައި ބަޔާންކުރާ ގޮތަކާމެދު ހިޔާލުތަފާތުވުމެއް އުފެދުމުން އެކަމެއް ހައްލުކުރާނީ ވެސް އޭސީސީންނެވެ.

"އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު" އަށް އަމަލުކުރަން ފެށުމުގެ ކުރިން، ތަހުގީގު ކުރުމުގެ މަރުހަލާގައިވާ މައްސަލަތަކާއި ޕްރިލިމިނަރީ އިންވެސްޓިގޭޝަންގެ މަރުހަލާގައިވާ މައްސަލަތައް، އެ އުސޫލުގެ ދަށުން އަވަސް މައްސަލައެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އޭސީސީއަށް ލިބިގެންވެއެވެ.

"އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު" މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ވަނީ އަމަލުކުރަން ފަށައިފައެވެ.