ޚަބަރު

މީދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

މުހައްމަދު އިޝާން

ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތް ނިިމިފައިވާ ކަމަށެވެ. އެ މަސައްކަތް ނިިންމާލާފައިވަނީ އިއްޔެއެވެ.

މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށި ލުމާއި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން މީދު ބަނދަރުގެ ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 408 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 34.07 މިލިއަން ރުފިޔާއަށެވެ.