ޚަބަރު

އެމްއެސްއެސްއިން ރާއްޖެއާއި ސިންގަޕޫރާއި މެލޭޝިއާއާ ދެމެދު ކާގޯ ދަތުރުތައް ފަށަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ގައުމީ ޝިޕިން ލައިން, މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖެ އާއި ސިންގަޕޫރާއި މެލޭޝިއާއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެމްއެސްއެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން އަލަށް ގެންނަ ކޮންޓެއިނާ ބޯޓު، "ގްރެފީން" އިން ރާއްޖެއިން ސިންގަޕޫރަށާއި މެލޭޝިއާއަށް ސީދާ ކާގޯ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.

މި ދަތުރުތަކަށް ބޭނުން ކުރާ "ގްރެފީން" މިހާރު އޮތީ ޔޫއޭއީގައެވެ. އެގައުމުން މުދާ ބަރުކޮށްގެން މި މަސްތެރޭގައި ބޯޓު ރާއްޖެ އަންނާނެއެވެ.

އެމްއެސްއެސް އިން ބުނީ އެ ބޯޓުން ސިންގަޕޫރަށާއި މެލޭޝިއާއަށް ކުރާ ކާގޯ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

"އެމްއެސްއެސް ގްރެފީން" އަކީ ގާތްގަނޑަކަށް 680 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ. އެ ބޯޓު ގަނެ، މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އަންނަ ޖޫން މަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.