ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދެއްކޭނެ ކަމަށާއި ރާއްޖެ ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ދައުލަތުގެ މާލިއްޔަތާ ބެހޭ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އިގުތިސޯދަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިން ނެރުނު ރިޕޯޓެއްގައި އަންނަ އަހަރު ނިމޭއިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް ބުނުމުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުން ލޯނު ނެގުމުގެ ހަރަދުތައް އިތުރުވުމާއި ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން މި އަހަރު ރިސްކް ބޮޑު "ޖަންކް" ރޭޓިން އުފެދިފައިވާ މާކެޓް ގައުމުތަކަށް 10 ޕަސެންޓަށް ދަރަނީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.

އޭގެ ތެރެއިން ރާއްޖެ ހިމެނޭ ހެން އަށް ގައުމަކީ 2023 ވަނަ އަހަރު ނިމޭއިރު، ރިޒާވް ހުސްވުމުގެ ނުރައްކާ އޮތް ގައުމުތައް ކަމަށާއި އެއީ ޑިފޯލްޓް ރިސްކް ބޮޑުވުމުގެ އިޝާރާތެއް ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އަމީރު ވިދާޅުވީ ރާއްޖެއިން ދަރަނި ނަގަމުންދަނީ ބަޖެޓް ޕްލޭނާއި އެއްގޮތަށް ކަމަށާއި ޖޭޕީ މޯގަންގެ ލިސްޓުގައި ހުރި ގައުމުތަކާ ހިލާފަށް ރާއްޖޭގެ އިގުތިސޯދީ އިންޖީނުގެ ދުވެލި ވަރަށް ރަނގަޅު ކަމަށެވެ. އަދި ޖޭޕީ މޯގަންގެ ބަޔާނަކީ އެ ބޭންކުގެ "އޮފިޝަލް ސްޓޭންޑިން" ނޫން ކަމަށާއި ރާއްޖޭގެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި މިދިޔަ އަހަރުވެސް ސްކޫކް ވިއްކައިގެން ދަރަނި މެނޭޖުކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޑެޓް ސާވިސްގެ އެއްވެސް ރިސްކެއް ނެތް. އަޅުގަނޑުމެންނަށް އެންމެ ބޮޑު ރިސްކެއް އޮތީ މިދިޔަ އަހަރު. އެއީ މި އަހަރުގެ ޖޫން މަހު ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑު. އޭގެ 192 މިލިއަން މިހާރު ވާނީ ދައްކައިފަ. އަދި އިންޓްރެސްޓާ އެކު 62 މިލިއަން ޑޮލަރު އަންނަ ޖޫން މަހުގެ ފުރަތަމަ ހަފުތާގައި ދައްކާނެ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ 62 މިލިއަން ޑޮލަރު ދައްކާނެ ފަންޑު މިހާރު ވެސް އެބަހުރި ކަމަށާއި ކުރިއަށް އޮތް ތަނުގައި މީޑިއަމް ޓާމްގައި ރާއްޖޭގެ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ.

މިދިޔަ އަހަރާ އަޅައި ބަލާއިރު، މި އަހަރުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކުރިއަރަމުން އަންނަ ކަމަށާއި އެހެން އިންޑަސްޓްރީތައްވެސް ކުރި އަރަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ.

"އެހެންވީމަ ކުރިއަށް އޮތް މިޑިއަމް ޓާމްގައި ރާއްޖޭގެ ދަރަނި ދެއްކުމުގެ އެއްވެސް ކަހަލަ ރިސްކެއް ނެތް. ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ." އަމީރު ވިދާޅުވިއެވެ.