ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
މެރިން ޕޮލިހުން ބުނީ، އެކްސިޑެންޓު ހިނގާފައި ވަނީ 11:20 ހާއިރު ތިލަފުށިން ލަކުޑި ބަރުކޮށްގެން ދަތުރުކުރި "ހުވަނދުމާ 2" އާއި "ޔަސަވާ ޕްރިންސެސް" ސަފާރީ ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި އަޑިއަށް ދިޔަ ދޯންޏަކީ ޓިމްބާ ހައުސްގެ ދޯންޏެކެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި ދޯންޏަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ދިޔަވާތީ، ފެން ހިއްކުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް ދޯނި ޓީ ޖެޓީ ސަރަހައްދަށް ވަތްފަހުން، ވަނީ އަޑިއަށް ގޮސްފައެވެ.
ދޯނި އަޑިއަށްދިޔައިރު އެ ދޯނީގައި ތިބީ ތިން މީހުންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.
އެމްއެންޑީއެފުން ބުނީ، ކެރޭނެއްގެ އެހީގައި އެ އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ދޯނިން ގިނަ އަދަދެއްގެ ލަކުޑި ފަޅުތެރެއަށް ދޫވެފައިވާތީ، ކެރޭނު ބޭނުންކޮށްގެން އެތަކެތި ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު