ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސާީ ވައުދު ފުޅުތަކުގެ ތެރޭގައި ހިމެނޭ، ތ.ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ކުރިއަށްގެންދާ މަސައްކަތަށް 522 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރުމަށްޓަކައި، އެކަމާބެހޭ ޕްލިމިނަރީ އެސެސްމެންޓެއް ހަދައި އަގު ބެލިއިރު، ތިން ކިލޯމީޓަރުގެ ދިގުމިނުގައި ކޯޒްވޭކުން އެ ދެރަށް ގުޅުވައިލުމަށް، 522 މިލިޔަން ރުފިޔާ ހަރަދުވާއިރު، އެއީ މީޓަރަކަށް 174000 ރުފިޔާ ކަމަށެވެ.
މި މަސައްކަތް ޕްލޭން ކުރުމުގެ ތެރޭގައި މި ކޯޒްވޭ ދާ މަގުގައި މީގެ ކުރިން ރިސޯޓެއް ހެދުމަށް ދީފައި އޮތް، އެލާ ކިޔާ ރަށުގައި ރިސޯޓެއް ހަދައިގެން އެކަން ނުކުރެވޭނެތީ އެރަށް ދިން ފަރާތާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކޮށް އެރަށުގައި ރިސޯޓު ނަހަދާގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ކޯޒްވޭ ދާނީ އެލާގެ މެދުން ނުވަތަ އެއްފަޅިން ކަމަށްވާތީ އެ ރަށުގައި ރިސޯޓު ނެހެދޭނެތީ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އެކަމަށް ބޭނުންވާ 522 މިލިޔަން ރުފިޔާ ކަމަށެވެ. މިއަހަރުގައި އެކަމަށް ބަޖެޓުގައި އޮތީ އެއްމިލިޔަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެއީ ރިޔާސީ ވައުދަކަށް ވާއިރު އެ މަސައްކަތް މި ދައުރުގައި ނިމޭނެތޯ، ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފެށޭނެ ދުވަސް އަދި ނޭނގޭ ކަމަށާއި، ނަމަވެސް ސަރުކާރުން އެ މަސައްކަތް ކުރާނެ ކަމަށެވެ. އެކަމާބެހޭގޮތުން ދިރާސާކޮށް އެކަމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ އެކަން ކުރުމަށްޓަކައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ފެށި ނަމަވެސް މި ދައުރުގައި މަސައްކަތް މުޅިން ނިންމައިނުލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު