ޚަބަރު

ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު، އަތޮޅު ކައުންސިލްތަކުން ބާއްވަން ހުށަހަޅައިފި

އަންހެނުންގެ ކޮމެޓީތައް (ޑަބްލިއުޑީސީ)ގެ ބައި އިލެކްޝަން އަހަރަކު ދެފަހަރު ބާއްވަން ކަނޑައަޅައި، އެ އިންތިހާބުތައް އަތޮޅު ކައުންސިލްތަކުން ބާއްވަން ހުށަހަޅައިފިއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިލެކްޝަންސް ކޮމިޝަނުން މި ގޮތަށް ހުށަހަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުގައި ދިމާވާ ދަތިތަކާބެހޭގޮތުން، ކަމާގުޅޭ ހުރިހާ ފަރާތްތަކަކާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ މަޝްވަރާ ކޮށްފައެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާއި އެލްޖީއޭގެ އިތުރުން އެޓާނީޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީ ހިމެނެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، މިހާރު ގާނޫނުގައި އޮންނަ ގޮތަށް ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވާ ކޮންމެ ފަހަރަކު އިންތިހާބު ބާއްވަން ޖެހުމުން، އިލެކްޝަންސް ކޮމިޝަނަށް އިންތިހާއަށް ބާރު ބޮޑުވެ ބޮޑެތި ހަރަދުތަކެއްވެސް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ޑަބްލިއުޑީސީގެ އިންތިހާބުތައް މިހާރު ކުރިއަށްދާގޮތަށް ދާނަމަ އަންނަ އޯގަސްޓް މަހުގެ ނިޔަލަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުޅި ބަޖެޓް ހުސްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. އެހެންކަމުން ފުއާދު ވަނީ އެކަމަށް ހައްލެއް ގެނެސް އެ އިންތިހާބުތައް އަހަރަކު ދެ ފަހަރު ނުވަތަ ދައުރަކު ދެފަހަރު ބާއްވަންޖެހޭ ގޮތަށް ހެދުމަށް ހުށަހަޅުއްވައިފައެވެ.

ފުއާދުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުތައް ބާއްވަން މިހާރު އޮންނަގޮތުން އެލްޖީއޭއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އިދާރީގޮތުން ބުރަ ބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމުން އަންހެނުންގެ ކޮމެޓީތަކުގެ މައި އިންތިހާބު އީސީން ބޭއްވުމަށްފަހު، ބައި އިލެކްޝަންތައް ބޭއްވުން އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމަށް އަފްޝަން ހުށަހެޅުއްވިއެވެ. އެއިރުން މިހާރަށް ވުރެ ހަރަދު ކުޑަވެ، ލާމަރުކަޒު ކުރުމުގެ މަގުސަދު އިތުރަށް ހާސިލްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މިހާތަނަށް 21 ބައި އިލެކްޝަން ބާއްވާފައިވާ ކަމަށެވެ. އެގޮތުން 2021 ގައި 11 ބައި އިލެކްޝަން އަދި މިއަހަރުގެ މިހާތަނަށް 10 ބައި އިލެކްޝަން ބާއްވާފައިވާ އިރު، އަންނަ ޖޫން މަހުގެ ތެރޭގައި ހަ ގޮނޑި ހުސްވެގެން ފަސް ރަށެއްގައި އިންތިހާބު ބާއްވަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.