ދައުލަތުން ނަގާ ދަރަންޏާއި، ދައުލަތް ޒިންމާވާގޮތަށް ސަރުކާރުން ގެރެންޓީ ދިނުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ހުށަހަޅަން އިދިކޮޅު ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
މިގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލު ފޮނުވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.
ގާނޫނަށް މި އިސްލާހު ގެންނަންޖެހޭ ސަބަބު ހާމަކުރަމުން އެ ބިލުގައި ބުނެފައިވަނީ، ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން އަވަށްޓެރި ގައުމެއް ބަނގުރޫޓުވާފަދަ، އިގުތިސާދީ ކަންކަމުގެ އަސަރު، ޖެހިގެން އޮންނަ ގައުމުތަކުގެ އިގުތިސާދަށް ސީދާގޮތެއްގައި ކުރާ ކަމަށެވެ. އަދި ދައުލަތުގެ ދަރަންޏަށް ނަގާ ފައިސާ އާއި ދައުލަތުން ގެރެންޓީގެ ގޮތުގައި ދޭ ފައިސާ ނުރަނގަޅު ގޮތުގައި ހޭދަ ކުރުމަކީ މުސްތަގުބަލުގައި އެ ގައުމަކަށް ލިބެން އޮންނަ އާމްދަނީއަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ.
އެއާއެކު ކޮވިޑް 19ގެ ބަލިމަޑުކަމާއި ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ރަނގަޅަށް ވަޒަން ނުކުރެވި، ކުރިއަށްއޮތްތަނުގައި ބޭރު ދަރަނި ދެއްކުމަށް ދައުލަތަށް ދަތިތައް ކުރިމަތިވުމުގެ ފުރުސަތު އޮތުމުން، ދަރަންޏާއި ގެރެންޓީ ދެނީ ކޮންމެހެން ހިންގަން ޖެހޭ ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ އާމްދަނީ އުފައްދަން ކުރާ ހަރަދަކަށް ކަން ޔަގީން ކުރަންޖެހޭ ކަމަށެވެ.
މި ބިލުން ގާނޫނަށް ގެންނަން ތޯރިގު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ދައުލަތުން ދަރަންޏެއް ނުވަތަ ގެރެންޓީއެއް ދިނުމުގެ ކުރިން އިގުތިސާދަށް ކުރާނެ އަސަރު ދިރާސާކުރުމަށް ފަހު ރައިސުލްޖުމްހޫރިއްޔާއަށް ރިޕޯޓެއް ހުށަހެޅުމަށާއި އެ ރިޕޯޓު މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަން ޖެހޭ ގޮތަށް މާއްދާއެއް އިތުރުކުރުމަށެވެ.
މީގެ އިތުރުން ލޯނަށް ނަގާ ފައިސާގެ އަދަދާއި ގެރެންޓީ ދޭ ފައިސާގެ އަދަދާއި އިންޓްރެސްޓާއި ދަރަނި ނަގަން ހިނގާނެ އެހެނިހެން ހަރަދުތަކާއި ދަރަނި ދެއްކުމަށް ހުށަހަޅާ މުއްދަތާއި އެކަމަށް ކޮށްފައިވާ ދިރާސާ ރިޕޯޓުގެ ހުރިހާ ލިޔެކިއުމެއް، ވެސް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ހުށަހެޅުމުގައި އެކަމާ ބެހޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އެ ފައިސާއެއް ދަރަންޏަށް ނެގުމާ މެދު ނުވަތަ ގެރެންޓީއާ މެދު ދެކޭ ގޮތް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު