މުޅި މާލެއިން މިއަދު ކަރަންޓު ކެނޑުނީ ސްޓެލްކޯގެ މައި ކޭބަލަކަށް ކުރިން ލިބިފައި ހުރި ގެއްލުމެއްގެ ސަބަބުން ކަމަށާއި އެ ކޭބަލް ބަދަލުކޮށް އާ ކޭބަލް އެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލެ ބްލެކްއައުޓް އާ ގުޅިގެން މިއަދު ސްޓެލްކޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވީ ސްޓެލްކޯއިން ވަޅުލާފައި އޮތް 11ކޭވީ ޑިސްޓްރިބިއުޝަން ނެޓްވޯކް ކޭބަލަކަށް ލިބިފައި ހުރި ގެއްލުމެއްގެ ސަބަބުން ކަމަށެވެ. އަދި އެ ކޭބަލަކީ ސްޓެލްކޯގެ ވާޓްސިލާ އިންޖީނުގެއިން ގާކޮށި ފްލެޓް ކައިރީގައި ހުންނަ ޑިސްޓްރިބިއުޝަން ސަބް ސްޓޭޝަނަށް އަޅާފައި އޮންނަ ފީޑަރު ކަމަށެވެ. އަދި ކޭބަލް ހަލާކުވެފައިވާ ކަމަށް ލަފާކުރެވެނީ މަގު ކޮނުމުގެ ތެރޭގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މި އޮތީ ވަގުތީ ހައްލެއް ހޯދައިފައި. ދާއިމީ ހައްލެއްގެ ގޮތުގައި މި ބަލަނީ އިތުރު ކޭބަލެއް އެޅުން. އެހެންވެ ސިޓީ ކައުންސިލާ ގުޅިގެން މަގު ކޮނުމުގެ ހުއްދަ ހޯދައިގެން އިތުރު ކޭބަލެއް ވަޅުލުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. ދެ ދުވަހެއް ނަގާނެ ކަމަށް މިބަލަނީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ދެމުން އައި އެ ފީޑަރު ހަލާކުވުމުން އެ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެނީ އެހެން ހަތަރު ކޭބަލެއް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހު ލޯޑު ބޮޑުވާ ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދު ތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެ ކޭބަލް ހަލާކުވުން ފީޑާ8 އިން ކަރަންޓު ދޭ 10 ސަރަހައްދަށް އަޅުގަނޑުމެން ކަރަންޓް ދެމުން އައީ ހަތަރު ފީޑަރަކަށް ބަހާލައިގެން. ދިޔައިރުގައި ބާކީ ހަތަރު ފީޑަރުގެ ލޯޑު މަތިވަމުންދާތީވެ އެކި ސަރަހައްދުތަކުން ބައިގަޑިން ބައިގަޑިން މިދަނީ ކަރަންޓް ކަނޑަމުން،" އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މުޅި މާލެއިން ކަރަންޓު ކެނޑުނީ ސްޓެލްކޯގެ ޓީމުން ފޯލްޓް އައިޑެންޓިފައި ކުރުމުގެ މަސައްކަތް ކުރަމުގެ ތެރޭގައި ހުރިހާ ފީޑަރުތަކަށް ވަކިވަކިން ކަރަންޓު ދެމުން ދަނިކޮށް ހަލާކުވެފައި އޮތް ފީޑަރަށް ކަރަންޓު ދެވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު