ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާ ހިންގަމުން އަންނަ ރިސޯޓްތަކުގެ ނަންތައް މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

"ނޭމް އެންޑް ޝޭމް"ގެ ނަމުގައި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު، އަމީނީމަގުގައި ހުންނަ މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި ހާމަކުރަން ފަށާފައިވަނީ މިއަދެއެވެ.

މިއީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި އާންމުކުރި ފުރަތަމަ ފަހަރެވެ. އެ ސެންޓަރުގައި ނޭމް އެންޑް ޝޭމް ލިސްޓު މިއަދު އާންމުކުރަން ފެށީ މަގަށް ފެންނަ ގޮތަށް ބަހައްޓާފައި ހުންނަ ޓީވީ މެދުވެރިކޮށެވެ. ކުރިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރަމުން އައީ މީރާގެ ވެބްސައިޓާއި ގެޒެޓް އަދި މީޑިއާތަކުގައެވެ.

މިއަދު އާންމުކުރި ލިސްޓުގައި މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ފައިސާ ނުދައްކާ 16 ފަރާތެއްގެ ނަން ވަނީ ހިމަނައިފައެވެ. އެއީ ޓޫރިޒަމް ބިމު ކުލީގެ ފައިސާ ނުދައްކާ 12 ފަރާތަކާއި ދަނޑުވެރިކަމުގެ ބިމު ކުލީގެ ފައިސާ ނުދައްކާ ހަތަރު ފަރާތެކެވެ.

  • ޓްރިޕަލް އޭ އެންޑް ޓްރޭޑިން ކޮމްޕެނީ - ފިލިތެޔޮ އައިލެންޑް ރިސޯޓް
  • އަތަމާ މެރިން އިންޓަނޭޝަނަލް - ކިހާ މޯލްޑިވްސް
  • އޭބީއެން - ބްރެނިއާ ކޮއްޓެފަރު
  • ހެވީ ލޯޑް މޯލްޑިވްސް - ރަހާ ރިސޯޓް
  • ބޮން ފްރީ - ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • މެދުފުށި އިންވެސްޓްމަންޓް - މެދުފުށި އައިލެންޑް ރިސޯޓް
  • ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް - އެރިޔަދޫ އައިލެންޑް ރިސޯޓް
  • ސައުތު ޕާމް މޯލްޑިވްސް - ސައުތު ޕާމް ރިސޯޓް މޯލްޑިވްސް
  • ސަންލޭންޑް ހޮޓެލްސް - ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ އައިލެންޑް ރިސޯޓް
  • ސަންލޭންޑް ޓްރެވަލް - މަކުނުދޫ އައިލެންޑް ރިސޯޓް
  • ތެލުވެލިގާ ރިޓްރީޓް - ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް
  • ހޮނޑާފުށި އައިލެންޑް ރިސޯޓް
  • މަސްމީރު އަކުއާ ކަލްޗާ ކޮމްޕެނީ - ށ. އެރިޔަދޫ
  • އޯޝަން ކުއާޓިއާ ޕްރޮޕަޓީސް - ޅ. ގާއެރިފަރު
  • ސީނު މޯލްޑިވްސް - ށ. މެދުކުނބުރުދޫ
  • މުހައްމަދު ވަހީދު - ށ. މަޑިދޫ

މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަން ފެށީ ޓެކްސް ނުދައްކާ މީހުންގެ ނަން ހާމަ ކުރުމާ ގުޅޭ ގޮތުން މީރާ އިން އެކުލަވާލައި ގެޒެޓުކުރި އުސޫލުގެ ދަށުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށީ މިދިޔަ މަހުއެވެ.

މީރާގެ 2020ގެ އޮޑިޓް ރިޕޯޓު ބުނާ ގޮތުން ރިސޯޓް ކުއްޔާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އެއީ ދައުލަތަށް ނުލިބި ހުރި ފައިސާގެ 78 ޕަސެންޓެވެ. އެ ފައިސާ ހޯދަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓް އޮފީހުން ވަނީ މީރާ އަށް ލަފާ ދީފައެވެ.