ހުއްޓިފައިވާ ޗައިނާގެ މާކެޓް ރާއްޖެއަށް އަލުން ހުޅުވާލައި، މިއަހަރުގެ ތެރޭގައި ފަތުރުވެރިން ގެނެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން ޗައިނާ ބަންދުކުރުމާއެކު އެގައުމުގެ ފަތުރުވެރިން ރާއްޖެއަށް އައުން އެއްކޮށް ހުއްޓުމަކަށް އައެވެ. އަދިވެސް ޗައިނާ ހުޅުވާފައެއް ނުވެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މީގެ ކުރިން ލަފާކޮށްފައި އޮތީ، ޗައިނާގެ ފަތުރުވެރިން މިއަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ ގެނެވޭނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް އެއްވެސް އުންމީދެއް ނެތް މިއަހަރުގެ ތެރޭގައި ޗައިނާ އަދި ކޮރެއާގެ ފަތުރުވެރިކަން ގެނެވޭނެ ކަމަކަށް." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ މާކެޓަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރަޝިޔާއިން ސީދާ ދަތުރުތައް ރާއްޖެއަށް ކުރިނަމަވެސް އެގައުމުން އަންނަ ފަތުރުވެރިންގެ އަދަދު މަދުކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި އިތުރަށް ފުޅާކުރަން އިތުރު ގޮތްތަކެއް ހޯދަމުން އަންނަކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން، ރައްކާތެރި މާހައުލަކަށް ހެދުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ފަތުރުވެރިންގެ އިތުބާރު ރާއްޖެއަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކުގައި މިހާރު ފެތުރެމުންދާ "މަންކީޕޮކްސް"ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 670،000 ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.