ޚަބަރު

އޮރެކަލް ކްލައުޑް އީއާރުޕީ ސިސްޓަމާއެކު އެމްޕީއެލް އަށް ތާރީހީ އިންގިލާބެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ދެމުންދާ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމުގެ ދަށުން އެ ކުންފުނީގައި ބޭނުންކުރަމުން އަންނަ ހުރިހާ ސޮފްޓްވެއާތަކެއް އެންޓަޕްރައިޒް ރިސޯސް ޕްލޭނިން (އީއާރުޕީ) ސިސްޓަމަކުން ގުޅާލައިފި އެވެ.

އެމްޕީއެލްއިން ބޭނުންކުރަން ފެށީ ގޫގަލްގެ އޮރެކަލް އީއާރުޕީ ކްލައުޑް ސިސްޓަމެކެވެ. އޮރެކަލް ފިއުޝަން ކްލައުޑް އީއާރްޕީ އަކީ ފުރިހަމަ، ޒަމާނީ، ކްލައުޑް އީއާރްޕީ ސުއިޓެކެވެ. އީއާރުޕީ ސިސްޓަމް ގާއިމްކޮށް ބޭނުންކުރަން ފެށުމުން އެމްޕީއެލްގައި ބޭނުންކުރާ ހުރިހާ ސޮފްޓްވެއާތައް ހުންނާނީ ގުޅިފަ އެވެ. އަދި ހުރިހާ މައުލޫމާތެއް ރައްކާކުރަމުން ދާނީ އޮންލައިންކޮށެވެ. މި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ވިޔަފާރީގެ މައުލޫމާތު ރިއަލް ޓައިމްގައި، ކޮންމެ ތަނަކުން އަދި ކޮންމެ ޑިވައިސްއަކުން ވެސް ލިބޭނެ އެވެ.

މިއީ މުޅި އޯގަނައިޒޭޝަންގެ މުވައްޒަފުން ކޮންމެ ޑިޕާޓްމަންޓެއްގައި ވިޔަސް އެއް ޑޭޓާއަކާއެކު މަސައްކަތް ކުރަމުން އަންނަކަން ކަށަވަރުކޮށްދީ، ނިންމަންޖެހޭ ނިންމުންތައް އަވަހަށް އަދި އިތުބާރާއެކު ނިންމޭނެ ގޮތް ހަދައިދޭ ސިސްޓަމެކެވެ. އަދި މި ސިސްޓަމްގެ ސަބަބުން މެނުއަލް ޕްރޮސެސްތައް އޮޓޮމެޓިކް ކޮށް، މާކެޓް ބަދަލުތަކަށް ރިއަލް ޓައިމްގައި ރިއެކްޓް ކުރުމަށް އެނަލިޓިކްސް، އަދި އޮޓޮމެޓިކް އަޕްޑޭޓްތައް ފަދަ ޒަމާނީ ކެޕޭސިޓީތައް ފޯރުކޮށްދޭނެ އެވެ.

އެމްޕީއެލްއިން ބޭނުންކުރަން ފަށާފައިވާ އޮރެކަލް ކްލައުޑް އީއާރުޕީ ސިސްޓަމް އިފްތިތާހުކުރުމުގެ ގޮތުން ރޭ ހޮޓެލް ޖެން ގައި ވަނީ ހާއްްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި ސީނިއާ މެނޭޖްމަންޓުގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުނުފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއީ އެމްޕީއެލް އަށް ވަރަށް މުހިއްމު ސިސްޓަމެއް ކަމަށާއި އެކަމުގެ ސަބަބުން އެމްޕީއެލް އަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ދައްކާ އެއް ވާހަކައަކީ އެމްޕީއެލްގެ ހިދުމަތް އަވަސް ކުރަންޖެހޭ. އެމްޕީއެލްގެ ހިދުމަތް ހަރުދަނާ ވާންޖެހޭ. އެހެންވީމަ އެ މަސައްކަތުގަ އެޅިގެން ދިޔަ ވަރަށް މުހިއްމު އެއް ފިޔަވަޅު މީ. އަޅުގަނޑުމެންގެ އެތެރޭގެ މަސައްކަތް ކުރުން ވަރަށް ފަސޭހަވެގެން އަވަސްވެގެން ދިޔައިމަ، އަޅުގަނޑުމެންގެ ފޯރުކޮށްދޭ ހިދުމަތް އަވަސްވެގެން ދާނެ" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ މަސައްކަތް ކްލައުޑް ބޭސްޑް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފެއްޓެވީ 2019 ވަނަ އަހަރު ކަމަށެވެ. އަދި ކުރިމަތިވި ބައިވަރު ގޮންޖެހުންތަކާއިއެކުވެސް މި މަސައްކަތް ކާމިޔާބަކަށް ވުމުގެ ފަހަތުގައި ތިބީ އެމްޕީއެލްގެ ހުނަރުވެރި މުވައްޒަފުންނާއި އޮރެކަލް ކޮންސަލްޓޭޝަން ޓީމް ކަަމަށް ވިދާޅުވެ ޝާހިދު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވަނީ އެމްޕީއެލް އިން މި ގެނައީ ތާރީހީ ބަދަލެއްކަން ފާހަގަކުރައްވައި އެ ކުންފުނީގެ މެނޭޖްމަންޓަށް މަރުހަބާ ދަންނަވައިފައެވެ.

ޝައުނާ ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ކްލައުޑް އީއާރްޕީ ސިސްޓަމެއް ބޭނުންކުރުމަކީ އެމްޕީއެލް އިން އެޅި ވަރަށް "ބޯލްޑް" ފިޔަވަޅެއް ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ކުންފުނި ހިންގުމަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި މިއީ އެމްޕީއެލްގެ މާލީ ޓްރާންސްޕޭރެންސީ ފެނި، ކޮރަޕްޝަނަށް ހުުޅުވިފައި ހުންނަ ދޮރުތައް ބަންދުކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށްވެސް ޝައުނާ ވިދާޅުވި އެވެ.

"ސަތޭކަ އެތައް އަހަރުތަކެއް ފަހުން މި ހިދުމަތް ދޭންޖެހޭ ސިފައިގަ ދެވެން މިފެށީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކިތަންމެ ބޮޑު ވިޔަފާރި ބަނދަރެއް، ކިތަންމެ ބޮޑެތި ބޯޓުތަކެއް ރާއްޖެއަށް އައި ކަމުގަ ވީ ނަމަވެސް މިފަދަ ހިދުމަތެއް އެކުންފުނިން ބޭނުން ނުކުރާ ކަމުގަ ވަނީ ނަމަ އެ ކުންފުންޏެއްގެ މުސްތަގުބަލު ބިނާ ކުރުމަށް އެންމެ ރަނގަޅު ގޮތުގަ ފިޔަވަޅު ތަކެއް ނޭޅޭނެ" ޝައުނާ ވިދާޅުވި އެވެ.