މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްކޫލު ދަރިވަރުންނަށް ކެރިއާ އެކްސްޕޯއެއް ފަށައިފިއެވެ.
އެމްއޭސީއެލުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ، އެކްސްޕޯގެ މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަދި އެވިއޭޝަން ސެކްޓާގައި ކުރިއަށްދެވެން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުން ކަމަށެވެ. އެގޮތުން އެވިއޭޝަން ސެކްޓާގައި ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ފަސޭހައިން ކުރިއަށްދެވޭނެ ގޮތްތަކުގެ މައުލޫމާތު އެ އެކްސްޕޯގައި ދަރިވަރުންނަށް ދީފައިވެއެވެ.
ވީއައިއޭގައި އެމްއޭސީއެލްގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް އެ އެކްސްޕޯގައި ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ. އެގޮތުން ވީއައިއޭ އޮޕަރޭޓް ކުރުމުގައި އެމްއޭސީއެލްގެ ދައުރާއި ޓާމިނަލް ސާވިސް، ޕަސެންޖާ ސާވިސް، ކޮމާޝަލް ރޭމްޕު، އެއާޕޯޓު އެމަޖެންސީ ސާވިސް އަދި އެއާ ޓްރެފިކް ކޮންޓްރޯލާއާ ގުޅޭ މުހިންމު މައުލޫމާތު ދަރިވަރުންނަށް ވަނީ ދީފައެވެ.
މިއަދު ކުރިއަށްގެންދިޔަ އެކްސްޕޯގައި ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުުން ޖުމުލަ 38 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.