ޚަބަރު

އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕޭން ފަށައިފި

މުހައްމަދު އިޝާން

ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވާލްޑް ކަޕް 2022 ގެ ފޯރި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގަދަކުރުމުގެ ގޮތުން އުރީދޫން ވޯލްޑް ކަޕް ފޯރި ކެމްޕޭން ފަށައިފިއެވެ.

އުރީދޫ ވޮލްޑް ކަޕް ފޯރި ކެމްޕޭން ލޯންޗުކުރުމަށް ކްރޮސްރޯޑުގައި މިއަދު ބޭއްވި ހަފުލާ އިފްތިތާހުކޮށްދެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕޭން ލޯންޗު ކުރުމުގެ ގޮތުން ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލްއިން ވަނީ މެޗެއް ވެސް ކުޅެފައެވެ. އެ މެޗް ކާމިޔާބު ކުރީ ހާޑް ރޮކް ހޮޓެލްއިންނެވެ.

އެ ހަފުލާގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫން ގިނަ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ރަސްމީކޮށް އުރީދޫ ވޯލްޑް ކަޕް ފޯރި މި ލޯންޗުކުރީ ހާޑް ރޮކް ހޮޓެލް އާއެކު ކުޅެވުނު އެކުވެރިކަމުގެ ފުޓްސެލް މެޗަކުން، ނަމަވެސް މިއީ ހަމައެކަނި ފެށުމެއް އެގޮތުން މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ފުރުސަތުތަކާއި ހަރަކާތްތައް ވަނީ ރޭވިފައި. އަޅުގަނޑުމެންގެ އަމާޒަކީ ވޯލްޑް ކަޕްގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތައިނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އެ ހަފުލާގައި ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފު ވަނީ ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދީފައެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ އޮފިޝަލް މިޑުލް އީސްޓް އެންޑް އެފްރިކާ ޓެލޮކޮމިއުނިކޭޝަން އޮޕަރޭޓަރެއްގެ ގޮތުގައި އުރިީދޫ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.