އެއްވެ އުޅުމުގެ ހައްގު ހަނިކުރި މާއްދާ ބާތިލުކުރަން ހައިކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ "ދިޔަރެސް" ނޫހުގެ ތިން ފައުންޑަރުން ކަމަށްވާ އަހްމަދު އަޒާނާއި އަހްމަދު އިބްރާހީމް އަދި ޝިފްޒާން އަހްމަދެވެ.
އެ ތިން މީހުންގެ ފަރާތުން އެ ދުސްތޫރި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިއަދެވެ. އެ މައްސަލަ ބަލައިގަތުމާމެދު ހައި ކޯޓުގެ ރަޖިސްޓާ އަދި ގޮތެއް ނިންމައިފައެއްނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު ފާސްކުރި "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އަށް އެ އިސްލާހު ގެނެސްފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ހޯމް މިނިސްޓްރީން ނުވަތަ ފުލުހުންގެ ހުއްދައަކާ ނުލައި މާލޭގައި މުޒާހަރާ ނުވަތަ އެއްވެ އުޅުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އިސްލާހުގައި ބަޔާންކޮށްފައިވަނީ އެއްވުންތައް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި ލިސްޓުކުރާ ތަނެއްގައި ކަމަށެވެ. އެގޮތުން މުޒާހަރާތަކާއި އެއްވުންތައް ކުރިއަށް ގެންދެވެނީ އަލިމަސް ކާނިވަލުގައި ކަމަށް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.
އެގޮތަށް އިސްލާހު ފާސްކުރިޔަސް އެއިރު އިދިކޮޅުގައި އޮތް އެމްޑީޕީން ވަނީ އެޕާޓީގެ މައި ހަރުގެ ކުރިމަތީގައި އަދި މާލޭގެ އެކި ސަރަހައްދުތަކުގައިވެސް މުޒާހަރާކޮށްފައެވެ. އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފައެވެ. އަދި އެއިރު އިދިކޮޅު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވެސް ވަނީ އެކި ސަރަހައްދުތަކުގައި އެއްވުންތައް ބާއްވައިފައެވެ. އެގޮތުން ކުނޫޒު ކައިރީގައި ޖޭޕީން ވަނީ ގިނަ އެއްވުންތަކެއް ބާއްވައިފައެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ފާސްކުރި އެ އިސްލާހާ އެއްގޮތަށް ފުލުހުން ގެންދަނީ މިހާރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ އެއްވުންތައް ވެސް ރޫޅާލަމުންނެވެ.
އެ އިސްލާހު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.