Close
ޚަބަރު

މި ދަނޑިވަޅުގައި އާމްދަނީ ދަށްވާ ކަންކަން ކޮށްފިނަމަ، ލަންކާއަށް ވީގޮތް ވެދާނެ: ގަވަރުނަރު

1

މިދަނޑިވަޅުގައި ރާއްޖެއަށް ލިބެމުން އަންނަ އާމްދަނީ ދަށްވާފަދަ ކަމެއް ކޮށްފިނަމަ އަވައްޓެރި ސްރީލަންކާއަށް ދިމާވިފަދަ ގޮތްތަކެއް ރާއްޖެއަށް ދިމާވެދާނެ ކަަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

އަލީ ހާޝިމް މިހެން ވިދާޅުވީ، ރިސޯޓުތަކުގެ ބިމުކުލި ކުޑަ ކުރުމަށްޓަކައި، ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ކަމާ ގުޅުންހުރި ދާއިރާތަކުގެ ހިޔާލު ހޯދުމަށް، އެ ބިލު ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ހާޝިމް ވިދާޅުވީ، މިދުވަސްކޮޅަށް ބަލައި އަވައްޓެރި ގައުމަކުން (ލަންކާ) ވެސް ގެނައި މިފަދަ ބަދަލުތަކާ ގުޅިގެން އިގްތިސާދު އިންތިހާއަށް ދަށްވެ، އައިއެމްއެފްއާ ހަމައަށް ދާންޖެހިފައިވާ ކަމަށެވެ. އަދި ރަޝިޔާ، ޔޫކްރެއިން ގެ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި ރާއްޖެއަށް ލިބެމުންދާ އާމްދަނީ އަށް ހުރަސް އެޅޭފަދަ ކަންކަން ކުރުން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ރަޝިޔާ/ޔޫކްރެއިން މައްސަލަ އާއި ސަޕްލައި ސައިޑް ޝޮކްތައް އަންނަ އިރު ރެވެނިއު ދަށްވާ އެކްޝަންތަކެއް ނެގުން ބުއްދިވެރިއެއް ނޫން،" ގަވަރުނަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ބިލުން އަންނަ ބަދަލުތައް ދެނެގަތުމަށް އެނެލިސިސްއެއް ހަދަންޖެހޭ ކަމަށާއި އެކަން ކުރަން ބޭނުންވާ މައުލޫމާތު މީރާއިން ފޯރުކޮށްދިނުމަށްވެސް ގަވަރުނަރު އެދިވަޑައިގެންނެވިއެވެ.

ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ގެންނަ އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަސްމާ ޝަފީއު ވެސް އެކޮމިޓީގައި މިއަދު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި އާއްމުކޮށް 1.6 ބިލިއަން ރުފިޔާ މިހާރު ލިބޭ އިރު، އެ އިސްލާހުގެ ސަބަބުން ގާތްގަނޑަކަށް 590 މިލިއަން ރުފިޔާގެ އާމްދަނީ ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟