ޚަބަރު

ގާނޫނާ ހިލާފަށް މީހަކު ބަންދުން ދޫކޮށްލި މައްސަލައިގައި ހުޅުމާލޭ ކޯޓުގެ އިސްގާޒީ ސިޔާމާއަށް ފިޔަވަޅު އަޅައިފި

އަލީ ޔާމިން

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ހުޅުމާލޭ ކޯޓުގެ އިސް ގާޒީ ސިޔާމާ މުހައްމަދަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.

ސިޔާމާގެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިޔާމާއަށް ފިޔަވަޅު އަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި މީހެއްގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ފުލުހުން ހުށަހަޅާފައި ހުއްޓައި، އޭނާ ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި އެފަރާތުގެ "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށް އެ ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައިވާތީ ކަމަށެވެ.

އެ ބަޔާނުގައި ޖޭއެސްސީން ބުނީ އަމުރު ނެރުއްވުމުގައި ސިޔާމާ އަމަލުކުރެއްވީ މައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ބެއްލެވުމެއްނެތި ހަގީގަތާ ހިލާފަށް ކަމަށް އެނގޭ ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލިކަން ޝަރީއަތުގެ މަޖިލީހުގައި އިއުލާން ކުރެއްވި އިރު، އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިއާޔަތް ކުރިކަން އަމުރުގައި ފާހަގަކޮށްފައިނުވާ ކަމަށްވެސް ބުންޏެވެ.

"...،މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ތަހުގީގަށް ސާބިތުވޭ،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އެ ކޮމިޝަނުން ބުނީ، ސިޔާމާގެ އެ އަމަލާ ގުޅިގެން ސިޔާމާއަށް ނަސޭހަތްދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.