ރައްޔިތުންގެ މަޖިލީހުގައި މަޖިލިސް މެންބަރަކު ވަޒިރަކާ ސުވާލު ކުރުމުން ދެއްވާ ޖަވާބާ ގުޅިގެން އިތުރު ސުވާލު ކުރުމަށް މެންބަރުންނާ ދޭ ވަގުތު 30 މިނިޓަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ދެންމެ ފާސް ކޮށްފިއެެވެ.

މި މައްސަލަކީ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމަށް މަޖިލިސް ގަވައިދުގެ 78 ވަނަ މާއްދާގައި މިހާރު ކަނޑައަޅާފައިވާ 20 މިނިޓްގެ މުއްދަތުގެ ތެރޭގައި، ގިނަ މެންބަރުންތަކެއް ފުރުސަތަށް އެދިފައި އޮތްނަމަވެސް ގިނަ މެންބަރުންނަށް ފުރުސަތު ނުލިބި އެ 20 މިނިޓްގެ މުއްދަތު ހަމަވެގެންދާ މައްސަލައިގައި މަޖިލީހުގެ ބައެއް މެންބަރުން ޝަކުވާ ކުރުމާ ގުޅިގެން އެކަމަށް ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލައަށް ކޮމިޓީގައި ބަހުސް ކުރެއްވުމަށްފަހު، ގަވާއިދުގައި މިހާރު އޮތް 20 މިނިޓުގެ މުއްދަތު 30 މިނެޓަށް އިތުރު ކުރުމަށް، ގަވައިދު ބަދަލުކުރަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސެއިން، އެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގައި މެންބަރަކު ވަޒީރުންނާ ސުވާލު ކުރުމަށް، ވަޒީރުންނަށް ފޮނުވާ ނޯޓިސްއާ ގުޅިގެން، މަޖިލިސް ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން އެ މެންބަރަކު މަޖިލިސް ތަޅުމުގައި ވަޒީރާ ކުރާ ސުވާލާ ގުޅިގެން، ވަޒީރާ އިތުރު ސުވާލު ކުރުމަށް ހުޅުވާލާ ފުރުސަތުގައި، ވަޒީރާ ސުވާލު ކުރުމަށް މަޖިލިސް ގަވާއިދުގެ 78 ވަނަ މާއްދާގައި ބުނާ 20 މިނިޓް 30 މިނެޓަށް އިތުރު ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

މެންބަރު މުހައްމަދު ރަޝީދުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީ ޖަލްސާގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.