ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ލަސްވަމުންދާތީ ދައުލަތާއި ޝަރީއަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޒިޔަދަމުގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ، ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) އަށެވެ. ޝަނޫނާއި ޝިފާމަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
ޒިޔަދަމްގެ ބޮލަށާއި ބުރިކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މަރުވި ޒިޔަދަމް އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޒިޔަދަމްގެ މަރަށް ހަތް އަހަރުވެފައިވާއިރު، އެ މައްސަލައިގެ ހުލާސާ ބަޔާން އަދިވެސް އެއްކޮށް އިއްވިފައެއް ނުވެއެވެ. އެ މައްސަލައިގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުލާސާ ބަޔާނުގެ އެއްބައި ހުށަހަޅާފައިވާއިރު، ޝަރީއަތުގެ ވަގުތު ހަމަވިއިރުވެސް ދައުލަތުގެ ހުލާސާ ބަޔާން ނުނިމޭތީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ހުލާސާ ބަޔާނުގެ ބާކީ ބައި ކުރިއަށް ގެންދިއުމެވެ.
މިއަދުގެ އަޑުއެހުން ފެށުމާއެކު، އެ މައްސަލައިގައި ދައުވާލިބޭ މުހައްމަދު ޝަނޫން ވަނީ އޭނާގެ ބަލިހާލަތުގެ ސަބަބުން ޝަރީއަތުގައި އިންނަން ދަތިކަމަށް ބުނެފައެވެ. ނަމަވެސް އެ މައްސަލަ މިހާރު ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ، އެ މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައަކަށް ވުމުން އަޑުއެހުން ކެންސަލްކޮށްފިނަމަ ގިނަ ވަގުތުތަކެއް ބޭކާރުވެގެންދާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ދެއްވި ފުރުސަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި މިއަހަރުގެ ފެބްރުއަރީން ފެށިގެން ހުލާސާ ބަޔާން އިއްވުމަށް މަސައްކަތްކުރަމުން އަންނައިރު، މައްސަލަ ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
މައްސަލައިގައި ދައުވާލިބޭ އަލީ ޝިފާމްގެ ވަކީލު އަހުމަދު ޔާމީން ވަނީ ދައުލަތުގެ ހުލާސާ ބަޔާނުގެ ބާކީ ބަޔާއި ޝިފާމްގެ ބައި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފައެވެ. ދައުލަތުން ބުނާ ގޮތުގައި ދެމީހުންގެ މައްޗަށްވެސް ހުލާސާ ބަޔާން އިއްވަނީ އެކުއެކީގައެވެ. ގާޒީވެސް ބޭނުންވެވަޑައިގަނަންވަނީ އެބައި އެގޮތަށް ކުރިއަށްގެންދިއުމަށެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ގާޒީ އިސްމާއީލް ޝަފީއު ނިންމަވައިލެއްވީ، އެ މައްސަލައިގެ ހުލާސާ ބަޔާން ފުރިހަމަކުރުމަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.