އިނގިރޭސި ޕްރިމިއާ ލީގުގެ އެރާގެ އެންމެ ކާމިޔާބު ޓީމަކީ މިހާރު މެންޗެސްޓާ ސިޓީއެވެ. އެޓީމުން ވަނީ ޕްރިމިއާ ލީގު އެރާގައި ހަ ފަހަރަށް ލީގު ކާމިޔާބު ކޮށްފައެވެ. އޭގެ ތެރެއިން ހަތަރު ތަށްޓަކީ މިދިޔަ ފަސް ސީޒަނުގެ ތެރޭގައި ސިޓީން ހޯދި ހަތަރު ތަށްޓެވެ. އެ ލީގު ތަށިތަކުގެ މޭސްތެރިއަކީ ކޯޗު ޕެޕް ގާޑިއޯލާއެވެ.

ސިޓީން ރޭ އެސްޓޮން ވިލާ ކައިރީ ފަހަތުން އަރައި މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު އަމިއްލަ ބާރުގައި ލީގު ހޯދަން ސިޓީއަށް ހޯދަން ޖެހިފައި އޮތީވެސް މޮޅެކެވެ. އެކަން ކުރީ ސްޓައިލުގައެވެ. އެސްޓޮން ވިލާއިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ފަހު ހާފުގެ 15 ވަރަކަށް މިނެޓް ތެރޭގައި ސިޓީން ވަނީ ތިން ގޯލު ޖަހައި ނަތީޖާ އަނބުރައިލައިފައެވެ.

ތާރީހީ ގޮތަކަށް ތަށި ޔަގީންކޮށް ސިޓީން މެޗު ނިންމައިލުމާއެކު ސަޕޯޓަރުން ވަނީ ދަނޑަށް އަރައިގަނެ އުފާފާޅު ކޮށްފައެވެ. ރޭގެ ކާމިޔާބީއަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިނގިރޭސިވިލާތަށް ދިޔަ ފަހުން ހޯދި 11 ވަނަ ތަށްޓެވެ. އެއީ ހަ އަހަރު ތެރޭގައެވެ.

"އަހަރެމެންނަކީ ލެޖެންޑުން. މި ޓީމުގެ ހަނދާންތައް ތާ އަބަދަށް ހުންނާނެ. މި ކްލަބުގެ ތާރީހުގައި މިހާރު ތިބި ކޮންމެ ކުޅުންތެރިއެއްގެ ނަން ލިޔެވޭނެ. ސިޓީން އިނގިރޭސި ފުޓުބޯޅައިގައި މިހާރު ހާސިލުކުރަމުން އަންނަ ކަންކަމަކީ ކުރަން އުނދަގޫ ކަންކަން. މިފަދަ ކާމިޔާބީއެއް ކުރިން ފެނުނީ މެންޗެސްޓާ ޔުނައިޓެޑުގައި ފާގަސަން ހުރި އިރު. އެއީވެސް ދޭއް ނޫނީ ތިން ވަރަކަށް އަހަރު. އެކަންކަމަށް ވިސްނައިލުމުން އެނގޭ މިއީ އުނދަގޫ ކަމެއްކަން،" ގާޑިއޯލާ ރޭގެ މެޗަށް ފަހު ބުންޏެވެ.

ސިޓީން މިހާތަނަށް ދެ ފަހަރަށް ލީގު ތަށި ދިފާއު ކޮށްފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރަކީ 2017-18 ވަނަ އަހަރުގެ ސީޒަންގައެވެ. ސިޓީގެ އިތުރުން މިހާތަނަށް ދެން ލީގު ތަށި ދިފާއުކުރި ހަމައެކަނި ޓީމުތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އެވެ. ޔުނައިޓެޑުން މީގެ ކުރިން ހަތަރު ފަހަރަކަށް ތަށި ދިފާއު ކޮށްފައިވާ އިރު، ދެން އެންމެ ގިނަ ފަހަރަށް ތަށި ދިފާއުކުރި ޓީމަކީ ސިޓީއެވެ.

"އިނގިރޭސިވިލާތުގެ ލީގު ފަސް ސީޒަނުގެ ތެރޭގައި ހަތަރު ފަހަރަށް ހޯދޭނީ ވަރަށް ހާއްސަ ބަޔަކަށް. މި ޓީމަކީ ވަރަށް ހާއްސަ ޓީމެއް. ހާއްސަކޮށް ރޭގެ ތަށި ފުރިހަމަވީ އެސްޓޮން ވިލާއިންވެސް ގަދައަށް ކުޅެމުން ދަނިކޮށް ނަތީޖާ އަނބުރާލެވުނީމަ. ރޭ ފެނިގެން ދިޔައީ ސިޓީ ސަޕޯޓަރުންގެ އާދަޔާހިލާފު ސަޕޯޓެއް،" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލަކީ ސިޓީއާއެކު މިފަހަރުގެ ލީގަށް އެންމެ ވާދަކުރި ޓީމުކަމަށްވީ އިރު، ރޭގެ މެޗަށްފަހު ގާޑިއޯލާ ވަނީ ލިވަޕޫލުގެ ވާދަވެރިކަމަށް މަރުހަބާ ކިޔައި، އެ ކްލަބުގެ ކާމިޔާބީތައް ފާހަގަ ކޮށްފައެވެ. ގާޑިއޯލާ އިތުރަށް ބުނީ ސިޓީއަކީ ޗެމްޕިއަނުން ކަމަށާއި، އެކަމުގެ އުފާފާޅުކުރަން މަގުތައް ފުރާލަންވީ ކަމަށެވެ.