މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޓިކްޓޮކްގެ ތަރި މަރިޔަމް ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް ބަންދުން ދޫކޮށްލައިފިއެވެ.

ރޫމާ، 45، އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް 49، ހައްޔަރުކުރީ، މާލޭގައި އެ ދެ މީހުން ދިރިއުޅުނު ގެ، ހ. ބްލޫބާޑް, ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިގެންނެވެ.

ރޫމާ އާއި އޭނާގެ ފިރިމީހާ ބަންދުން ދޫކޮށްލާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އެދެމީހުން ބަންދުން ދޫކޮށްލީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ކޮންމެވެސް ވަރެއްގެ ހެކި ހުރި ނަމަވެސް ޝަރުތުކޮށްފައި ދޫކޮށްލުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ފުލުހުން ބުނުމުން ކަމަށް އަމުރުގައިވެއެވެ.

ރޫމާގެ ދެމަފިރިން ބަންދުން ދޫކޮށްލާފައިވާ އިިރު، މިމަހުގެ 15 ވަނަ ދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުން ރޫމާ ވަނީ، އޭނާއަކީ ޑިޕްރެޝަން ހުންނަ މީހެއް ކަމަށާއި ތިން ދަރީން ތިބޭ ކަމަށް ބުނެފައެވެ. އަދި ބޮޑު ޝަރުތެއްކޮށްފައި ނަމަވެސް ބަންދަށް ލުއިދީ ދަރީން ކައިރިއަށް ފޮނުވައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، ރޫމާ ވަނީ ޕްރެޝާ ހައިވެގެން ވެއްޓުނު ކަމަށްވެސް ބުނެފައެވެ.