ކުޅުދުއްފުށި ސިޓީގައި ފުޓްބޯޅަ ކުޅެން ހުއްޓައި ކުއްލި ގޮތަކަށް މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އިސް މަގާމުތަކެއް އަދާކުރި މުހައްމަދު ހަސަން (ސެންޓަރު މުހައްމަދު)، 49އ، އެވެ.
ކުޅުދުއްފުށި ކައުންސިލު މެމްބަރު މުހައްމަދު ދައޫދު މިރޭ "ވަން" އަށް ވިދާޅުވީ، އެސިޓީގެ "ހިރަފުސް ދަނޑު"ގައި ކުޅެން ހުއްޓައި މުހައްމަދު ކުއްލިއަކަށް ވެއްޓުނު ކަމަށެވެ. އޭނާ ވެއްޓުމުގެ ކުރިން ވަރުބަލި ފިލުވައިލަން ކުޑައިރުކޮޅަކަށް ގޯލަށް ފޭބި ކަމަށާއި އެއަށްފަހު އަނެއްކާވެސް ކުޅެން އެރި ކަމަށެވެ. މުހައްމަދު ވެއްޓުނީ ގޯލުން އަރައި ބޯޅައެއް ދިފާއުކުރުމަށްފަހު ކަމަށް ދަވޫދު ބުންޏެވެ.
"އެވަގުތު އެތާނގައި ޑޮކްޓަރެއް ވެސް ހުރި ކުޅެން ގޮސް. ވެއްޓުމާއެކު އެ ޑޮކްޓަރު އެތަނަށް ދިޔަ. މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް،" ދާއޫދު ވިދާޅުވިއެވެ.
ދާއޫދު ވިދާޅުވީ، މުހައްމަދު މަރުވެފައިވަނީ ސީދާ ވަކިކަމެއް ދިމާވެގެން ކަމަށް މަރު ފޯމުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
މުހައްމަދު މަރުވި އިރު، އަދާކުރަމުންދިޔައީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ލެބޯޓަރީ ޓެކްލޮޖިސްޓުގެ މަގާމެވެ. އޭގެ ކުރިން އޭނާ ވަނީ އެ ހޮސްޕިޓަލުގެ ވެރިއެއްގެ މަގާމާއި ޒިންމާދާރުވެރިޔާގެ މަގާމު ވެސް އަދާކޮށްފައެވެ.