އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް މިރޭ ކުޅެފައިވާ އިރު، އާސެނަލްއަށް އަނެއްކާވެސް ޗެމްޕިއަންސް ލީގު ފުޓުބޯޅަ ގެއްލުނު އިރު، ޓޮޓެންހަމްއަށް ގަދަ ހަތަރެއް ޔަގީންވެއްޖެއެވެ.
ލީގުގެ ފަހު މެޗުތައް މިރޭ އެއް ގަޑިއަކު ކުޅެފައިވާ އިރު، މެޗުތަކަށް ނުކުތް އިރު ލީގު ތަށީގެ އިތުރުން ގަދަ ހަތަރެއްގެ ފަހު ޖާގަވެސް އޮތީ ޔަގީން ނުވެއެވެ. ގަދަ ހަތަރެއްގެ ފަހު ޖާގައިގެ ފުރުސަތު ބޮޑުކޮށް އޮތީ ޓޮޓެންހަމްއަށެވެ. ޓޮޓެންހަމްއަށް ގަދަ ހަތަރެއް ޔަގީން ކުރުމަށް މިރޭ އޮތީ ރެލިގޭޓް ވެފައި އޮތް ނޯވިޗު ކައިރިން ޕޮއިންޓެއް ހޯދުމެވެ. އާސެނަލްއަށް ގަދަ ހަތަރެއް ހޯދެން އޮތީ ޓޮޓެންހަމް އެ މެޗުން ބަލިވެގެންނެވެ.
ޓޮޓެންހަމްއިން މިރޭ ކުޅުނު މެޗުގައި 5-0 އިން ނޯވިޗު ބަލިކުރި އިރު، އާސެނަލް ކުޅުނު މެޗުގައި އާސެނަލް ވަނީ 5-1 އިން އެވަޓަން ބަލިކޮށްފައެވެ.
ޓޮޓެންހަމްގެ ދެ ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ ޑީޖަން ކުލްސެވްސްކީއާއި ހެރީ ކޭންއެވެ. އަދި ދެވަނަ ހާފުގައި ކުލްސެވްސްކީ ވަނީ އޭނާގެ ދެވަނަ ގޯލާއެކު ޓޮޓެންހަމްއަށް މޮޅު ޔަގީން ކޮށްދީފައެވެ. އަދި އޭގެ ފަހުން ހިއުން މިއުން ސޮން ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައި ޕްރިމިއާ ލީގުގެ ރަން ބޫޓާ ހަމަ ކޮށްފައެވެ. ސޮން ވަނީ ލިވަޕޫލުގެ މުހައްމަދު ސަލާހާ އެއްވަރަށް، 23 ގޯލު ޖަހައިފައެވެ.
ޓޮޓެންހަމްއަށް ގަދަ ހަތަރެއް ލިބުމަކީ ސީޒަން މެދު ތެރެއިން އެޓީމާ ހަވާލުވި ކޯޗު އެންޓޯނިއޯ ކޮންޓޭއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ޓޮޓެންހަމްއިން އެންމެފަހުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ކުޅެފައިވާ އިރު، މިއަހަރުގެ ލީގުގެ ގަދަ ހަތަރަކަށް ޓޮޓެންހަމް ގެންދަން ކޮންޓޭއަށް ވަނީ ބުރަކޮށް މަސައްކަތް ކުރަން ޖެހިފައެވެ.
ކޮންޓޭ ޓީމާ ހަވާލުވި އިރު، ޓޮޓެންހަމް އޮތީ އަށް ވަނައިގައި ނަމަވެސް ރަނގަޅު ނަތީޖާތަކަކާ އެކު އެ ހާލަތު ކޮންޓޭ ވަނީ ބަދަލު ކޮށްފައެވެ.
އާސެނަލްއަށް މި ސީޒަންވެސް ވެގެން ދިޔައީ މާޔޫސީ ސީޒަނަކަށެވެ. އެޓީމުން މިދިޔަ ހަފުތާއާ ހަމައަށް އަމިއްލަ ބާރުގައި ގަދަ ހަތަރެއްގައި އޮތް ނަމަވެސް އެންމެ ފަހުވަގުތު ވަނީ އެ ފޯމު ގެއްލުވާލައިފައެވެ. އާސެނަލްއިން އެންމެފަހުން ޗެމްޕިއަންސް ލީގު ކުޅެފައި ވަނީ 2016-17 ވަނަ އަހަރުގެ ސީޒަންގައެވެ. އޭގެ ފަހުން މިހާތަނަށް ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފައިނުވާ އިރު، މި ސީޒަނަކީ އޭގެ ފަހުން ޗެމްޕިއަންސް ލީގާ އެންމެ ގާތަށް ޖެހިލި ފަހަރެވެ.
މިރޭ އާސެނަލް ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ގެބްރިއަލް މާޓިނޭލީ އާއި އެޑްވާޑް އެންކެއިޓާގެ އިތުރުން ސެޑްރިކް ޝުއަރޭޒް އަދި ގެބްރިއަލް އާއި މާޓިން އޮޑެގާޑެވެ. އެވަޓަންގެ ގޯލު ޖެހީ ޑޮނީ ވެންޑަބީކެވެ.
މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ މަގާމެއްވެސް ނުލިބި އާސެނަލް ނިންމައިލި އިރު، މިއަހަރުގެ ނަތީޖާއާ އެކު އާސެނަލްއަށް އަންނަ ސީޒަންގެ ޔޫރޮޕާ ލީގުގައި ކުޅެވޭނެއެވެ. މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް އަތުން ބަލިވި ނަމަވެސް ޔޫރޮޕާ ލީގު ޔަގީންވީ ވެސްޓްހަމް އިން ކުޅުނު މެޗުގައި އެޓީމުން ބްރައިޓަން އަތުން ބަލިވުމުންނެވެ.
މިރޭގެ މެޗުތަކަށްފަހު ލީގުން ރެލިގޭޓްވި ޓީމުތައްވެސް ވަނީ ޔަގީން ވެފައެވެ. އެ ޓީމުތަކަކީ ބާންލީ އާއި ވޮޓްފޯޑުގެ އިތުރުން ނޯވިޗެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު