ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފުކުރުމުގެ ޕްރޮގްރާމެއް އެކުންފުނިން ފަށައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި އަދި ސާފުތާހިރު މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުން ކަމަށެވެ.
އެ ޕްރޮގްރާމުގެ ދަށުން، ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި ދަގަނޑާއި އެނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާނެއެވެ.
އެ ޕޮރޮގްރާމުގެ މިއަހަރުގެ ޝިއާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލެއް – ހިދުމަތް ދިނުމުގެ ރޫހު" އެވެ.
ސްޓެލްކޯގެ އެ ޕްރޮގްރާމަކީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ އިސްނެންގެވުމުގެ ދަށުން މުވައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ސާފުތާހިރު، ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ހިންގާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ތިމާ ދިރިއުޅޭ ތަނާއެކު، މަސައްކަތް ކުރާ ތަނެއްގެ ސާފުތާހިރުކަމާއި އަދި ތަރުތީބުކަމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިއަދު ކުރިއަށްގެންދިޔަ އެ ޕްރޮގްރާމު ވަނީ ސްޓެލްކޯއިން ހިދުމަތްދޭ 35 އިންޖީނުގޭގައި އެއްފަހަރާ ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު