މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެތެރޭގެ އިންތިހާބުތައް އަންނަ ޖުލައި މަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނާޒިމް ވިދާޅުވީ، ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރަން ނިންމާފައިވާ ނިންމުމަށް އަދިވެސް ބަދަލު ނާންނަ ކަމަށެވެ. ކުރިއަށް އޮތް ގޮތަށް، އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރުމުގެ ހެޔޮ ނިޔަތް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަށްޓަކައި އެ ޕާޓީގެ އެކި މަގާމުތަކުގައި ވަގުތީގޮތުން ތިއްބެވި ބޭފުޅުން ދާއިމީ ކުރުމަށްޓަކައި، އެ ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ ޖުލައި މަހު ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެތެރޭގެ އިންތިހާބަށްފަހު، ޕާޓީގެ ހުރިހާ މަގާމުތަކެއް ދާއިމީކޮށް ހަމަ ޖުލައި މަހުގެ ފަހުކޮޅު ޕާޓީގެ ކޮންގްރެސް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއަށްފަހު 2023 ގެ ޓިކެޓަށް ހުޅުވާލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެ ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންތިހާބަކުން ކަމަށެވެ.
އެމްއެންޕީން 2023 ވަނަ އަހަރު ނެރޭ ރިޔާސީ ކެނޑިޑޭޓަށް ވުމަށްޓަކައި ރިޔާސީ ޓިކެޓަށް ކުރިމަތިލައްވާނެ ކަމަށް މީގެ ކުރިންވެސް ނާޒިމް ވަނީ އިއުލާންކުރައްވައިފައެވެ.
އޭރު ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ދިވެހި ރައްޔިތުންނާއި ގައުމަށް ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު