މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުލައި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އެއްވެސް ބަޔަކަށް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެޕާޓީން ކުރިއަށް ގެންދާ ހަރަކާތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، މިހާތަނަށް އެޕާޓީން ބައިވެރިވި ހުރިހާ އިންތިހާބަކާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދެން އެންމެ އަވަހަށް އޮންނާނީ ޖުލައި މަހުގެ ތެރޭގައި ބާއްވާ ހަތަރު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކަމަށާއި އެ ހުރިހާ އިންތިހާބެއްގައި އެ ޕާޓީން ވާދަ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެ ޕާޓީ އުފެދުނީއް ސުރެ ބޭއްވި ހުރިހާ އިންތިހާބެއްގައި ބައިވެރިވުން ކަމަށާއި އެންމެ ނުވަމަސް ދުވަސްވީ ޕާޓީއަކުން ޕީޕީއެމްފަދަ ގިނަ ދުވަސްވީ އަދި ވެރިކަންކޮށްފައިވާ ބޮޑެތި ޕާޓީތަކާ ވާދަ ކުރުމަކީ ކާމިޔާބެއް ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައިވެސް އޮތީ، އެ ޕާޓީން ބުރަވާ ކޮޅަކަށް ކާމިޔާބު ލިބޭ ބޮތަށް ކަމަށެވެ. އަދި އެންމެ ފަހުން ވިލިމާލޭގައި ބޭއްވި އިންތިހާބުގައި ޕީޕީއެމްއަށް ކާމިޔާބު ލިބުނީ އެންމެ ވޯޓަކުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ވޯޓު އަލުން ގުނުމަށް އެދުމުން އިލެކްޝަންސް ކޮމިޝަނުން އެކަން ކޮށްދީފައި ނުވާތީ ގާނޫނީ ގޮތުން އެކަމަށް އިތުރު ގޮތްތައް ދިރާސާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.