ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތަށް ހަރަދުކުރާ މައިގަނޑު އެއްފަރާތަރީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިގޮތަށް ބުނެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި ބަންދުގެ މަޖިލީހުގައެވެ.
ބަންދުގެ މަޖިލީހުގައި މުހައްމަދު އިސްމާއީލް ބަންދުގައި ބެހެއްޓުމަށް އެދި ފުލުހުން ހުށަހެޅި ސަބަބު ތަކުގެ ތެރޭގައި ފުލުހުން ބުނެފައި ވަނީ، އިންޑިއާ އައުޓް ހަރަކާތަށް ހަރަދުކުރާ މައިގަނޑު އެއްފަރާތަކީ، މުހައްމަދު އިސްމާއިލް ކަމަށެވެ. އެކަން އިއްޔެ މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ ފާހަގަ ކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ އިންޑިއާ ހަރަކާތުގެ ތެރެއިން، އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލު ކުރުމާއި، ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސް އެޅުމާއި، މީހެއްގެ ނަސްލާއި އުފަންވީ ގައުމާއި، ސިޔާސީ ވިސްނުމާއި ގުޅުވާލައިގެން ހިންގާ އަމަލާއި ގުޅޭކުށާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި މުހައްމަދު އިސްމާއީލް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުން އިއްޔެ އޭނާ ވަނީ ދޫކޮށްލައިފައެވެ.
އޭނާ ދޫކޮށްލަން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތަކާ ގުޅިގެން ހެކި ގަރީނާގެ ގޮތުގައި މައިގަނޑު ތިންކަމެއް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި، ފޮޓޯ ރިޕޯޓާއި ކުށުގެ ރެކޯޑް ހިމެނެއެވެ.
ނަމަވެސް އެއިން އެއްވެސް ކުށެއް މުހައްމަދު އިސްމާއީލް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ހެކި ފުލުހުންނަށް މުއްދަތު މަޖިލީހަށް ބަޔާން ކޮށްދެވިފައި ނުވާކަމަށްވެސް ކޯޓު އަަމުރުގައި ވެއެވެ.
މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ ހެކި ގަރީނާއަކީ ފުލުހުން ތައްޔާރު ކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓު ކަމަށާއި، އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުން އޭނާ އެއްވެސް ކުށެއް ކުރިކަން ހާމަކޮށްދޭ ސަބަބުތަކެއް ބަޔާން ކޮށްދެވިފައި ނުވާ ކަމަށާއި، ޖިނާއި ކުށެއް ކުރާ މަންޒަރު ނުވަތަ، އެފަދަ ކަމެއް ދައްކުވައިދޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާ އައުޓް ހަރަކާތަށް ހަރަދުކުރާ މައިގަނޑު އެއްފަރާތަކީ، މުހައްމަދު އިސްމާއިލް ކަމަށް ފުލުހުން ބުނި ނަމަވެސް އެ ތުހުމަތުގެ މައްޗަށް ބާރު ދިނުމަށް އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަަމަށްވެސް އަމުރުގައި ވެއެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ، ހަމަ އެކަނި އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް މީހެއްގެ ބަންދުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، ފުލުހުން ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުން އިންޓެލިޖެންސް ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ކަންކަމަށް އެކަށީގެންވާގޮތެއްގައި ބާރު ލިބިދޭ ކަމަށް ނުފެންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު