ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބު ތަކުގެ ތެރެއިިން އެންމެ މުހިއްމު އިންތިހާބު ކަމަށްވާ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ދާއިމީ ނަތީޖާއިން ވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އުޅުއްވަނީ، އޭނާއާ ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށްވުރެން ބޮޑުތަނުން ކުރީގައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުގެ ދާއިމީ ނަތީޖާ ރޭ އިއުލާން ކޮށްފައިވާ އިރު، ފައްޔާޒު ޗެއާޕާސަން ކަމުގެ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ، 27،841 ވޯޓާއެކު 58 ޕަސެންޓް ހޯއްދަވައިގެންނެވެ.
އިންތިއަށް ލިބި ވަޑައިގެންފައި ވަނީ، 20،425 ވޯޓެވެ. އެއީ 42 ޕަސެންޓެވެ.
މި އިންތިހާބުގައި 49،239 މީހުން ވޯޓުލާފައިވާ އިރު، ބާތިލް ވޯޓުގެ އަދަދަކީ 973 އެކެވެ. ސައްހަ ވޯޓުގެ އަދަދަކީ 48،266 އެކެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ އެކު، އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަމާއި ނާއިބު ރައީސްކަމުގެ އިންތިހާބާއި އަންހެނުންގެ ރޫހުގެ ރައީސް އާއި ނާއިބު ރައީސް ކަމުގެ އިންތިހާބުވެސް މިމަހުގެ 14 ވަނަ ދުވަހު ވަނީ ބާއްވައިފައެވެ.
މި އިންތިހާބުގައި ދެވަނައަށް އެންމެ ވާދަ ވެރިކޮށް ކުރިއަށްދިޔަ، އަންހެނުންގެ ރޫހުގެ ރައީސްކަމުގެ އިންތިހާބުގެ ދާއިމީ ނަތީޖާއިން ބޮޑުތަނުން ކުރީގައި އުޅުއްވަނީ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމެވެ.
މި އިންތިހާބުގައި ރޮޒެއިނާ އަށް ލިބިވަޑައިގެންފައި ވަނީ 11،921 ވޯޓެވެ. އެއީ 60 ޕަސެންޓެވެ. އޭނާއާ ވާދަކުރެއްވި، ސަފާއަތު އަހުމަދަށް ލިބިފައި ވަނީ 7،912 އެވެ. އެއީ 40 ޕަސެންޓެވެ.
މި އިންތިހާބުގައި 21،023 މީހުން ވޯޓުލައިފައިވާ އިރު، ސައްހަ ވޯޓުގެ އަދަދަކީ 19،833 އެވެ. ބާތިލު ވޯޓުގެ އަދަދަކީ 1190 އެވެ.
ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމުގެ މަގާމަށް ރިފްގާ ޝިހާމު އިންތިހާބުވީ، އެ އިންތިހާބުގައި ވޯޓުލި 14،445 މީހުންގެ ތެރެއިން 7276 ވޯޓު ހޯދައިގެންނެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ކަމުގެ މަގާމަށް މުހައްމަދު އިންތިހާބުވީ، ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލި 12،859 މީހުންގެ ތެރެއިން 8296 މީހުންގެ ވޯޓުންނެވެ.