ގއ. ވިލިނގިލީގައި ހިނގި ނުރައްކާތެރި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން މާލެ ގެނެސް ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ރޭ އިރާކޮޅު ހިނގި މި އެކްސިޑެންޓުގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ ގއ. ވިލިނގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ، އުރަހަ، އަހުމަދު ޝާފިއުއެވެ.
ފަސް މީހުންނާއެކު ދަތުރުކުރި މި ލޯންޗުގައި ބާކީ ތިބި ތިން މީހުންނަށް ގއ. އަތޮޅު ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ރޭ ދަންވަރު ވަނީ މާލެ ފޮނުވައިލައިފަ އެވެ. މާލެ ފޮނުވައިލި ތިން މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ރޭ ދަންވަރު ގެނައި ތިން މީހުންގެ ތެރެއިން 30 އަހަރުގެ މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބާކީ ތިބި ދެ މީހުންނަށް އިމަޖެންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
އޮފިސަރު ވިދާޅުވީ އެމީހުންގެ ހާލަތާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން އެނގޭނީ ހަމަ އެކަނި ޑޮކްޓަރަށް ކަމަށާއި އެހެންކަމުން އެ މީހުންގެ ހާލަތެއް ނޭނގޭ ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ލޯންޗު ވިލިނގިއްޔަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ ފައިކައްޓަށް އަރައިގެންނެވެ.